އަލަށް އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ، ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް، ޝަފާ ޝަރީފް ސ. ހުޅުދޫ ދެތަނޑިމާގެ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން ޝަފާގެ ނަން ފާސްކުރީ، ޕޮލިސް ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ވޯޓަށް އެހުމުން، މަޖިލިސް ތަޅުމަށް ފޮނުވަން ވޯޓަށް އަހައިގެންނެވެ.

އެ ހަ ބޭފުޅުންގެ ތެރެއިން މަޖިލިސް ތަޅުމަށް ނަން ފޮނުވާ ވަރަށް، މަޖިލިސް ގަވާއިދުގައި ބުނެފައިވާ އަދަދަށް ވޯޓު ލިބުނީވެސް ހަމަ އެކަނި ޝަފާގެ ނަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ގޮތުން ކޮމިޓީގެ ރުހުން އޮތް ކަމަށް ނަމެއް ފާސްކޮށް، އެނަމެއް މަޖިލިސް ތަޅުމަށް ފޮނުވަން ކަނޑައެޅޭނީ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ. އެގޮތުން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން އެގޮތަށް ފާސް ވާނީ ނުވަ މެންބަރުންގެ ވޯޓު ލިބިގެންނެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޝަފާ ޝަރީފްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ، އިބްރާހީމް ތައުފީގު މޫނިސް މއ. ރިހިވިލާގެ، އާއި މުހައްމަދު އިމްރާން ޝަރީފް މ. ތަންތަރާ އާއި އަހުމަދު އުސެއިދު ހަސަން ގދ. ހޯޑެއްދޫ ލަކީ ސްޓާ އާއި އައިޝަތު ރަޝީދު ސ. ފޭދޫ ކޮކާގެ އާއި ހައްވާ ރީނާ ހަސަން މ. ދިއްގަލި އެވެ.

ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ދެ މެންބަރުން ހިމެނެން ޖެހޭއިރު، އޭގެ ތެރެއިން އެއް މެންބަރަކު އެ ބޯޑަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ ކުރީން ފާސްކޮށްފައެވެ.

އެގޮތުން އެ ބޯޑަށް، އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަން ޖެހޭ ބޯޑެކެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައި ވަނީ، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ވާނެ ކަމަށެވެ.

އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެސް ބުނެފައިވެ އެވެ.