ޚަބަރު

އދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާއި ވައިކަރަދޫ ކައުންސިލް ރައީސް އިސްތިއުފާ ދެއްވައިފި

ރިފާ ހަލީލު

1

އދ. އަތޮޅު ކައުންސިލް ނައިބު ރައީސް އާއި ހދ. ވައިކަރަދޫ ކައުންސިލް ރައީސް މަަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އދ. އަތޮޅު ކައުންސިލް ނައިބު ރައީސް އަހުމަދު ރަޝީދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވާފައިވަނީ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ކަމަށެވެ.

މީގެ ކުރިންވެސް އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވިވަޑައިގެންފައިވާ އަހުމަދު ވިދާޅުވީ އޭނާ ރަސްމީކޮށް އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތްތަކަށް ވަގުތު ހުސްކުރައްވައި އެކަންތަކާއިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާއާ އެއްކޮށް ދުރަށްދާން ބޭނުންވެގެން އިސްތިއުފާ ދިނީ. ވަކިން ހާއްސަކޮށް އަޅުގަނޑުގެ އަމިއްލަ މަސައްކަތް ކުރިއަށް ގެންދިޔުމަށް. އެކަމަށް ވަގުތު ހުސްކުރުމަށް." އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ކައުންސިލް ރައީސް އަހުމަދު ނަސީމް މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ އިިސްތިއުފާ ދެއްވާފައިވަނީ ތައުލީމީ ދާއިރާއިން ވަޒީފާ ލިބިވަޑައިގަތުމުން ކަމަށެވެ.

ނަސީމް ވިދާޅުވީ އެންމެ ބޮޑަށް ބޭނުންވާ ދާއިރާއަކީ މީހުން ބިނާ ކުރުމުގެ ދާއިރާ ކަމަށާއި އެހެން ކަމުން އެ ދާއިރާއިން ފުރުސަތު ފަހި ވުމުން އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ރަނގަޅު ތައުލީމީ ޖީލެއް ބިނާ ކުރަން. އަބަދުވެސް އާ މީހުންނަށް ފުރުސަތު ފަހިވާން ޖެހޭނެ. އެ ފުރުސަތު ފަހިވާން އޮތީ ރަނގަޅު ޖީލެއް ބިނާ ކުރެވިގެން. އެހެންވެ އެ ދާއިރާއިން އަޅުގަނޑަށް ވަޒީފާ ލިބުނީމަ މަގާމުން އިސްތިއުފާ ދީފިން." އޭނާ ވިދާޅުވި އެވެ.

ނަސީމް ވަނީ ވައިކަރަދޫގެ ކައުންސިލް މެންބަރު ކަމާއި ކައުންސިލް ރައީސްކަން ވެސް ކުރައްވާފަ އެވެ. ދެ ދައުރަށްވެސް އޭނާ ހޮވިވަޑައިގެންނެވީ އެމްޑީޕީ ޓިކެޓުގަ އެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ ދެ ދައުރުގައިވެސް ރަށަށް ބޭނުންވާނެ ފުރުހަމަ ހިދުމަތްތަކެއް ކޮށްދެއްވުނު ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް ރަށަށް ފައިދާ ހުރި މަސައްކަތުގައި ޝާމިލުވާނެ ކަމަށެވެ.