އުރީދޫ 5ޖީ އެއާފައިބަރ މެދުވެރިކޮށް ރާއްޖޭގައި ތިބެގެން، ޖަރުމަނުގައި ހުރި ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެ ކުންފުނިން ދިވެހި ދަރިވަރުންނަށް ހޯދައިދީފި އެވެ.
އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަސިޓީ އިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީ އާއެކު ޕާރޓްނަޝިޕެއް ގާއިމްކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެގައި ވަނީ ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ދިވެހި ދަރިވަރުންނަށް ކުރުމުގެ ފުރުސަތުދީފަ އެވެ.
ވީއާރް ކެފޭގައި މިއަދު ބޭއްވި އެ އިވެންޓްގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީ އެއާފައިބާ ގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓް ވުމުގެ ތަޖުރިބާ ކޮށްފައެވެ.
ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާ ގޮތްވެސް ދަސްކޮށްފައެވެ.
ރޮބޯއީ 3.0 ގެ ޓެލެޕޯޓްވުމުގެ ހިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައާއި އަނެއް މުޖުތަމައާއި އޮންނަ ގުޅުން ވަރުގަދަ ކޮށްދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދެއެވެ.
އެ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނ5ޖީ ގެ ވަރުގަދަ ނެޓްވަރކާއެކު ރޮބޯޓިކްސް، އާރޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސް ގެ ހައިބަތާއި އެ ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތު ތަކަށްވެސް ލޯ ހުޅުވާލަދީފައެވެ.
"ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތަކެއް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެއެވެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫއިން ހުއްޓުމެއްނެތި މި މަސައްކަތް ކުރަނީ ކުރިއަރަމުން އަންނަ މިފަދަ އީޖާދީ ހިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކައް ފޯރުކޮށްދީ އައު ފުރުސަތުތަކާއި މި ހިދުމަތްތަކުގެ ފުރިހަމަ ފައިދާއާއި ގުޅުވާލަދިނުމަށެވެ. އެހެންކަމުން ރޮބޯއީ، އީކޯ އޯގަނައިޒޭޝަން އަދި ވީއާރް ކެފޭއާއެކު މިއަދު ރާއްޖޭގައި މި ބޭއްވުނު ތާރީހީ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ވަރުގަދަ ނެޓްވޯރކްގެ ބާރު ސްޕީޑްތަކާއި އެކު ފަހިވެގެންދާނެ ފުރުސަތުތައް ދައްކާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައިވެސް ކުރިމަގުގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއަރުވައި އީޖާދީ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ޖީލެއް ބިނާކުރުމުގެ އުއްމީދުގައި އަޅުގަނޑުމެންގެ ޕާރޓްނަރުންނާއެކު މިފަދަ ހަފްލާތައް ބޭއްވުމުގެ މަސައްކަތްކުރިއަށްދާނެ." އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޙާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތަސައްވަރާ އެއްފަދައިން، ކުރިއަރަމުން އަންނަ އީޖާދީ ހިދުމަތްތަކާ ދިވެހިން ގުޅުވާލަދީ ދެމެހެއްޓެނިވި ކުރިމަގަކަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށްވާ އުރީދޫ މޯލްޑިވްސްއާއެކު މި މަސައްކަތުގައި ހިއްސާވުމަކީ އަޅުގަނޑުމެން އުފާކުރާކަމެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ މި މަސައްކަތުގެ އީޖާދީ އައު ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ." އީކޯ އޯގަނައިޒޭޝަންގެ ފައުޑަރ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވިއެވެ.
އީކޯ އޯގަނައިޒޭޝަން އަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯރގަނައިޒޭޝަންއެކެވެ.
"އީކޯ އޯގަނައިޒޭނަންއާއި އުރީދޫ މޯލްޑިވްސް އާއެކު މި ހަފަމްލާ ކާމިޔާބުކަމާއެކު ބޭއްވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ޕާރޓްނަރޝިޕްގެ ދަށުން ރޮބޯއީ ޖޫނިއަރ ރާއްޖެގެނެސް މި ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލަދިނުމަށް. މި ޚިދުމަތާއެކު މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ނާޒުކު ތިމާވެށިތަކަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." ޖެނެރަލް މެނޭޖަރ އަދި ލީގަލް ގާޑިއަން އޮފް ރޮބޯއީ، ރަފައެލް ހޮސްޓެޓްލަރ ވިދާޅުވިއެވެ.
ޓެލެޕްރެސެންސް ރޮބޯޓިކްސް ހިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފައެވެ. އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ކުރިއަރަމުން އަންނަ އިޖާދީ ހިދުމަތްތަކާއި ޑިޖިޓަލް ދުނިޔެއާއި ގުޅުވާލަދީ އަދި މިހިދުމަތްތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު