ޅ. ނައިފަރުން 99 މީހަކާއި އެ އަތޮޅު ހިންނަވަރުން 12 މީހަކު އަދި އެ އަތޮޅު އޮޅުވެލިފުށިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނައިފަރުން 44 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 99 އަށް އަރައިފައެވެ.
ޅ. އަތޮޅު އެމަޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު، ހެލްތު ސާވިސަސް ޖައުފަރު އަބްދުﷲ ވިދާޅުވީ ނައިފަރުން މިހާތަނަށް ޖުމުލަ 1311 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 1026 ސާމްޕަލްއެއް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބި 213 ސާމްޕަލެއް އުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ ނައިފަރުން ޕޮޒިޓިވްވެފައިވާ ދެ މީހަކު ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވާ މީހުން އެކަހެރިކޮށް، 69 ގެއެއްގައި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.
ޅ. ހިންނަވަރުގެ ކޮވިޑުގެ ހާލަތުގެ މައުލޫމާތުދެއްވަމުން ޖައުފަރު ވިދާޅުވީ ހިންނަވަރުން 324 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 185 ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އެރަށުން މިހާތަނަށް 12 ފަރާތެއް ޕޮޒިޓިވްވެފައިވާ ކަމަށާއި 177 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮޅުވެލިފުށިން 191 ސާމްޕަލެއް ނަގާފައިވާ އިރު، އެރަށުން މިހާތަނަށް ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ. މިއަދު އެރަށުން ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، 123 ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބެއެވެ.
ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، އޮޅުވެލިފުށި މޮނީޓަރިންއަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ނައިފަރުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަނީ ކުރިއަށް އޮތް ހަތް ދުވަހަށް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު