ބާޒާރުގެ ގިނަ އަދަދެއްގެ ފިހާރަތަކެއް ފަޅާލައި ވައްކަން ކުރިތާ ތިން ހަފުތާ ވެގެން ދިޔައިރުވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ ބާޒާރުގެ ފިހާރަތަކުން ވައްކަން ކުރި މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލައިގައި މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ބާޒާރުގެ ފަސް ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ވައްކަން ކުރި ފިހާރަތަކުން "ވަން" އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ އެތައް ފަހަރެއްގެ މަތިން އެ ފިހާރަތަކުން ވައްކަން ކުރި ކަމުގައިވިޔަސް ދުވަހަކުވެސްް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވައްކަން ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށްވެސް ބުންޏެވެ.
ވިޔަފާރިވެރިން ވަނީ ކާފިއު ގަޑީގައި މިފަދަ ބޮޑު ވައްކަމެއް ހިނގައި ދިޔައިރު ފުލުހުން ތިބީ ނިދާފައިތޯ ވެސް ސުވާލު ކޮށްފަ އެވެ. އެގޮތުން އެ ވަގުތަކީ ފުލުހުން މަގުމަތި ބަލަހައްޓާ ގަޑިއަށް ވެފައި ފުލުހުން ނޫން އެހެން ބަޔަކަށް މަގުމަތީގައި އުޅެވޭނެ ވަގުތަކަށް ނުވާއިރު ބާޒާރު ފަދަ ހަލަބޮލި ތަނެއްގެ މަގުމަތި ބަލަހައްޓަން ފުލހުން ނުތިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
މި ފިހާރަތަކުން މީގެ ކުރިންވެސް ވައްކަން ކޮށްފައިވާތީ ފިހާރަތަކުގައި ފައިސާއެއް ނުބަހައްޓަ އެވެ. ނަމަވެސް ވަކިލާރި ކޮޅަކާއި ކޮންމެވެސް ވަރަކަށް ފައިސާ ހުންނާނެ ކަމަށް ވިޔަފާވެރިން ވަނީ ބުނެފަ އެވެ. މީގެ ތެރެއިން ބައެއް ފިހާރަތަކުން ހަ ލައްކަ ރުފިޔާގެ އަގުހުރި މުދާ ވަގަށް ނަގާފައިވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
ބާޒާރުގެ ފިހާރަތަކުން ވައްކަން ކޮށްފައިވަނީ ފުރާޅުން ޓިނު ނަގައިގެން އެތަންތަނުގެ ސީލިން ހަލާކު ކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު