މި ވަގުތަކީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަންޖެހޭ ވަގުތު ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރު ކޮރަޕްޝަނުގައި ހިމެނޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، އެކަމަށް ހަރަދުކުރި ފައިސާ ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅި ކުއްލި މައްސަލައިގެ ބަހުސްގައި އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދިއުން އަދިވެސް ނުހުއްޓޭ ކަމަށެވެ.
އެހެންކަމުން އެމްޑީޕީން ކުރަމުންދިޔަ މަސައްކަތަކީ އެއީ ނެތް ކަމެއްގެ ގޮތުގައި ހަދައި، އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، އެކަންކަން އެހެން ހުރުމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ހިމެނޭ ތިން ބާރު ވަކިވެގެން މަސައްކަތްކުރާކަން އެނގުނު ނަމަވެސް، މި ނިޒާމުގައި މައްސަލަތަކެއް އުޅޭކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް އޮތް މަސައްކަތަކީ ބަރުލަމާނީ ނިޒާމަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އެބަޖެހޭ ބަރުލަމާނީއާ ދިމާލަށް، އެ ވިސްނުމުގައި އެ ފިކުރުގައި މަސައްކަތްކުރަން. އެއީ މިއަދު ރައްޔިތުންގެ މަޖިލީހަށް އޮތް މަސައްކަތަކީ، ރައްޔިތުންގެ ފަރާތުން މިތަނަށް އައިސް ވާހަކަދެއްކުން، ރައްޔިތުންގެ ހިމާޔަތުގައި ވާހަކަދެއްކުން،" އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކަމެއް ކަމަށާއި ސަރުކާރަށް ފާރަވެރިވުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން ސަރުކާރުުގެ ތެރޭގައި ނުކިއްސަރުކަމެއް ހިނގާނަމަ، ނިކުމެ އެވާހަކަ ދައްކައި އެކަމައިގެނއ އުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީއަށް ރައްިޔތުން ވޯޓު ދެނީ ރައްޔިތުންނަށް އުއްމީދެއް ދޭ ބަޔަކީ އެމްޑީޕީކަމުން ކަމަށާއި، އެމްޑީޕީއަކީ ވައްކަމާ ދެކޮޅު ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކެރިގެން ނިކުމެ ބަސް ބުނުމުގައި ފަހަތަށް ނުޖެހުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވެގެން އަޅުގަނޑުމެން މި ދަންނަވަނީ މިއީ އެވަގުތޭ، މިއީ އަޅުގަނޑުމެންގެ ނިޒާމް ހަގީގަތުގައި ބަދަލު ކުރަންވީ ވަގުތޭ، އެއީ ރައްޔިތުންގެ ބާރުވެރިކަން ފުރިހަމައަށް ރައްޔިތުންނަށް ދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކޭތީވެ އަޅުގަނޑު މިބުނަނީ، ތަކުރާރުކޮށް މިއީ އެ ފުރުސަތު އަޅުގަނޑުމެން ނަގަންވީ ވަގުތޭ،" އަލީ އާޒިމް ވިދާޅުވިއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު