ގެދޮރުވެރިކަމުގެ މައްސަލައިގައި ކަންތައް ކުރަންވީ ކިހިނެއްކަން ވެސް ކުރީގެ ހައުސިން މިނިސްޓަރަށް އެނގިވަޑައެއް ނުގެންނެވި ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވީ, ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަން ލިބިވަޑައިގެންނެވި އާތިފާއަށް ފާޑުވިދާޅުވެ މަޖިލިސް ރައީސް ވިދާޅުވީ, ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ފުލޭނުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަދަންޖެހޭ އެކި ކަހަލަ ލިސްޓުތަކާއި ނެޓްވޯކުތަކާއި ވިއުގަތައް ހަދަން ހިމަނާފައި އޮތް ނަމަވެސް އާތިފާ އެކަންކަމާ އަޅައިނުލައްވާ އޮތުމުން އެކަންކަން ލަސްވެގެން ދިޔަ ކަމަށެވެ. އަދި އެކަމަނާއަށް އެކަން ކުރައްވަން އެނގިވަޑައިނުގެންނެވީ ކަމަށް ވެސް ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިއްހީ ހާލުކޮޅު ރަނގަޅުވަމުން ނުދާތީ ކަމަށް ވިދާޅުވެ, ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އާތިފާ އިސްތިއުފާ ދެއްވުމުން ހައުސިން މިނިސްޓްރީ އުވާލައި ހައުސިން މިނިސްޓްރީން ކުރަމުން އައި އެންމެހައި މަސައްކަތްތައް ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް އާތިފާ މަގާމުން އިސްތިއުފާ ދެއްވި އިރު, ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އޭނާ ފެއިލްވެފައިވާ ކަމަށް ބުނެ, މަގާމުން ދުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ. އަދި އެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ތާއީދުކުރެއްވި އެވެ.

ހައުސިން މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައި އޮތް 33 ކޮންޓުރެކްޓެއްގެ މަސައްކަތް ކުރިއަށް ނުދާކަން ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ, އެކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ, އޭގެ ތެރެއިން ބައެއް ކޮންޓުރެކްޓުތައް ހަވާލު ކޮށްފައިވަނީ ޕާފޯމެންސް ގެރެންޓީއެއް ނެތި ނުވަތަ އެބާވަތުގެ މަސައްކަތެއް ކުރެވޭނެ ކަހަލަ ފަރާތްތަކާ ނޫން ކަމަށެވެ. އަދި ބައެއް ކޮންޓުރެކްޓުތައް މާލީ ގޮތުން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.