ހަޔާތުގެ ދުވަސްތައް ގުނަމުން އަންނައިރު ކޮންމެވެސް ސިފައެއްގައި ފާޑުކިޔުމެއް ތިމާއަށް އަމާޒު ނުވެ ނުހުންނާނެއެވެ. އެއީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް، އެހެން މީހުންގެ ފުށުން އަންނާނެ އެއްޗެކެވެ. ހިތްހަމަ ޖެހޭ ބަސްތަކާއި ހިތް ހަލާކުވާ ޒާތުގެ ބަހެއް ތިމާއަށް އަމާޒުވުމަކީ ހިނގާނެ ކަންކަމެވެ.
ނަމަވެސް ލިބޭ ނެގެޓިވް ކޮމެންޓެއްގެ ސަބަބުން ތިމާ އެކަމާ ދެރަވެ، މާޔޫސްވުމާއި، އެބުނާ ބަހެއްގެ ސަބަބުން މާބޮޑަށް އުނދަގޫވެ އޭގެ ސަބަބުން ދުވަހުގެ ރޫޓިން ދިރިއުޅުމަށް އަސަރުކޮށް އަމިއްލަ ނަފުސާ ސުވާލުކުރަން ފެށުމަކީ މައްސަލައެކެވެ. މިހެން ވިޔަ ނުދިނުމަށްޓަކައި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑު ވާން ޖެހެއެވެ. މި ބަލައިލަނީ މިކަމަށް މަސައްކަތްކުރެވިދާނެ ބައެއް ކަންތައްތަކުގެ މައްޗަށެވެ.
އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އަމިއްލަ ނަފުސާ ދޭތެރޭ ޔަގީންކަން އޮތުމަކީ ދެކަމެކެވެ. އިތުބާރަކީ ކަމެއް ކުރެވިދާނެ ކަމާމެދު ތިމާގެ ގާބިލުކަން ހުރިކަން ގަބޫލުކޮށް އެކަމެއް ހާސިލު ކުރުމާމެދު ފުރިހަމަ ޔަގީންކަން އޮތުމެވެ. އަދި މި ޔަގީންކަން އުފެއްދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމުގައި ''ނަފުސު'' އަށް ދެވޭ މުހިއްމުކަން ބޮޑުވެއެވެ. މިކަމުގެ ސަބަބުން ތިމާ އަމިއްލައަށް ފެނިފައި ހުރުން، ނޫނީ ފޮނިމީހެއް ގޮތުގައި އެހެން މީހުން ދެކުން އެކަށީގެންވެއެވެ. އަދި މީގެސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެއެވެ.
މިކަން ހައްލުކުރާނީ ކިހިނެއް؟
ފުރަތަމަ ކަމަކީ އެކަކީވެސް އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވޭކަށް ނޯންނާނެއެވެ. އެމީހަކީ އަމިއްލައަށް ފެނިފައި ހުރި މީހެއްކަމަށް އެކަކަށް ހީވިޔަސް، އަނެއް މީހާއަށް އޭނާ ފެންނަ ގޮތް ތަފާތު ވެދާނެއެވެ. ނަމަވެސް އެކި ހާލަތްތަކުގައި ތިމާއަށް ކަންކަން ކުރެވޭ ގޮތް ތަފާތުކޮށް، ޔަގީންކަން ބާއްވަންވީ އެ ހާލަތަކާ ދޭތެރޭ ތިމާގެ ފަރާތުން އަމަލު ކުރެވޭގޮތް ތަފާތު ކުރެވިދާނެކަމެވެ.
އަމިއްލަ ނަފުސާ ސުވާލު ކުރަންވީ، ތިމަންނަ މިކަމުން ހާސިލުކުރަން މިއުޅެނީ ކޮންކަމެއްކަމެވެ. ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް ތިމާ ވިސްނާ ގޮތް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމެވެ. އެގޮތަށް ބަދަލުކުރަން މަސައްކަތް ކުރާށެވެ.
މާނައަކީ ތިމާ ކަންކަމާ މެދު ވިސްނައިލުން ހުއްޓައިލާށެކޭ ނޫނެވެ. ނަމަވެސް ތިމާގެ މިޒާޖާ ގުޅިގެން މީހަކު ބުނާ އެއްޗަކާ ދޭތެރޭ ސީރިއަސްވެ ފިކުރުބޮޑުވާން ޖާގަ ދިނުމުގެ ބަދަލުގައި، ތިމާ އަކީ ފުރިހަމަ މީހެއް ނޫންކަން ގަބޫލުކުރުމެވެ. އަދި އުނި ސިފަތައްވެސް ހުންނާނެކަމާއި، އެފަދަ ކަމެއް މީހަކު ފާހަގަކުރުމުން، އެކަން ބަލައިގަނެ ރަނގަޅު ކުރަން ޖެހޭ ކަމެއްކަމަށް ހީވާ ނަމަ އެކަމަކަށް މަސައްކަތްކުރުމެވެ. ނޭދެވޭ ސިފައެއް ހުރިކަން ގަބޫލުކުރުމަށާއި އެކަމެއް ބަދަލުކުރުމަށް މަސައްކަތްކުރަން ނުހަނު ހިތްވަރު ބޭނުންވެއެވެ.
ތިމާއަށް އެކަމެއް ބީވެދާނެތީ އެންމެ ކަންތައް ބޮޑުވާ ކަމަކާމެދު ވިސްނައިލާށެވެ. ކޮންމެ ދުވަހަކުވެސް ހަޔާތާ މެދު ފުންކޮށް ވިސްނާލަން ވަގުތުކޮޅެއް ހުސްކޮށްލުމަކީ މުހިއްމު ކަމެކެވެ. ގަބޫލުކުރާ ކަންކަމުގެ މަތީގައި އަމަލުންނާއި ބަހުން ސާބިތުވެ ހުރުމަށް މަސައްކަތްކުރާށެވެ. މިފަދައިން އަމަލުކުރަން ފެށުމުން މީހުން ބުނާ އެއްޗެއްސާ މެދު ކަންތައް ބޮޑުވުމުގެ ބިރު ކެނޑިގެންދެއެވެ. އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ބޮޑުވެގެން ދާނެ އެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނުމަކީ، އޭނާގެ ވިސްނުމުގައި އެއްވެސް ނެގެޓިވް ނުވަތަ ނޭދެވޭ ހިޔާލެއް ފިކުރެއް ނުހުންނާނެ ގޮތަކަށް ސިކުނޑި ހޭނިފައި ހުރުން ކަމަށެވެ.
މިފަދަ ހިޔާލުތަކަކީ ނައިސް ނުހުންނާނެ ހިޔާލުތަކެކެވެ. ނަމަވެސް މުހިއްމީ ނޭދެވޭ ހިޔާލެއް ނުވަތަ ކަމަކާ ދޭތެރޭ ދެރަކޮށް ވިސްނޭ ނަމަ، އެ ހިޔާލެއް ސިކުނޑީގެ ތެރެޔަށް ގަދައަށް ސަވާރުވިޔަ ނުދިނުމެވެ. އަދި އެކަމާ ދޭތެރޭ ފުންކޮށް ވިސްނުމަށް ސިކުނޑި މަސައްކަތް ކުރުމުގެ ބަދަލުގައި ރަނގަޅު ހިޔާލުތަކުން، ނުވަތަ އެކަމެއްގެ ރަނގަޅުވާނެ ގޮތް ހިތަށް ގެނެސް ހެދުމުން، އެފަދަ ހިޔާލުތައް އެއްފަރާތް ވެ، ރަނގަޅު ހިޔާލުތަކުން ނުވަތަ ޕޮޒިޓިވްކޮށް ކަންކަމާ މެދު ވިސްނުމަށް އެހީވެދޭނެއެވެ.
އެހެން މީހަކާ ކަންކަމާ ވާދަކުރުމުގެ ބަދަލުގައި، ކަންކަން ރަނގަޅުކުރުމަށް އަމިއްލަ ނަފުސާ ވާދަކުރުން މުހިއްމެވެ. ތިމާގެ ނަފުސަށް ކުރެވޭ އިތުބާރު ދަށްވާ ނަމަ، ތިމާއަށް އެކަމެއްގެ އިތުބާރު ބޭނުންވާ ކަމެއް ހިތަށް ގެނެސް، އެކަމަކާ ދޭތެރޭ އިތުބާރު އުފައްދަން މަސައްކަތްކުރާށެވެ.
މިސާލަކަށް ޕަބްލިކްގައި ވާހަކަ ދައްކަން ފަސްޖެހޭ ނަމަ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު އެކަމަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެން ފަރާތެއްގެ އެހީތެރިކަން ހޯދަން ބޭނުންވެއްޖެ ނަމަ އެކަމުގައި ފަސް ނުޖެހޭށެވެ. އަދި މިކަމުގައި ކުރިއަރައި ދިއުމުގައި މައުލޫމާތު ލިބިގަންނަ ވަރަކަށް މީހާއަށް އަމިއްލައަށް ލިބޭ ޔަގީންކަން އިތުރުވެއެވެ. ތަފާތު ގެންނަން އަބަދުވެސް މަސައްކަތް ކުރަން ވާނެއެވެ.
އެހެން މީހުންނާ ދޭތެރޭ ނުވިސްނުމާއި އޮންނަ ގުޅުން ރަނގަޅު ނޫންނަމަ، ތިމާގެ ދިރިއުޅުމުގެ އުޖާލާކަން ގެއްލި ދިރިއުޅުން މަތިން ފޫހިކުރުވަފާނެއެވެ. މީހުންނާ ގުޅުން ރަނގަޅުކޮށް، ހިތްހެޔޮކަން އިސްކުރުމުގެ ސަބަބުން، މީހުންނާ ދެމެދު މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ނޭދެވޭ ބަސްތައް އަމާޒުވުމުންވެސް ދުރުކޮށްދެއެވެ. އަދި މީހުންނާ ގުޅުން ރަނގަޅުކުރުމުގެ ސަބަބުން ހަޔާތުގެ ކަންކަމުގައި ފަސޭހަވެގެން ދެއެވެ.
އަމިއްލަ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާށެވެ. މުހިއްމުވާ ކަންތައްތައް ކަނޑައަޅައި އިސްކޮށް، އެކަންކަން ވަކި ތަރުތީބެއްގެ މަތިން ގެންގުޅޭނަމަ، އަމިއްލަ މީހާގެ މައްޗަށް ބާރު އޮންނަކަމުގެ އިތުބާރާއި ޔަގީންކަން ރަނގަޅުވެގެން ދެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް