ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ސިވިލް ސާވަންޓުންނާ ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް މައާފަށް އެދި އެ ދެއްކެވި ވާހަކަތައް ދިފާއުކުރައްވައިފި އެވެ.

ސިވިލް ސާވަންޓުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ސިވިލް ސާވަންޓެއްގެ ގޮތުން ޕްރޮފެޝަނަލް ސިވިސް ސާވިސްއެއް އުފެއްދުމަކީ ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަދެއްކެވީ ވެސް އެގޮތުގެ މަތިން ކަމަށާއި އެ ވާހަކައިގެ ތަންތަންކޮޅު ޓުވިސްޓް ކުރިއަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަން ސިވިލް ސާވިސްއެއްގައި ހުންނަން ޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތަކެއް ކަމަށް ވިދާޅުވި އެވެ.

"ސިވިލް ސާވަންޓުންނަށް އަޅުގަނޑުގެ އިހުތިރާމު އެބައޮތް. އަދި މަޖިލިހުގައި ދެއްކެވި މުޅި ވާހަކައިގައި އަމާޒު ކުރެއްވީ ސިވިލް ސާވަންޓުން ގައުމު ބިނާ ކުރުމުގައި އަދާކުރަން ޖެހޭ މުހިންމު ރޯލްގެ ވާހަކައަށް. މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ ސިވިލް ސާވަންޓުންނަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކެއް ނޫން. އެފަދައިން ވާހަކައެއް ދެކެވުނު ނަމަ ސިވިލް ސާވަންޓުގެ ކިބައިން މައާފަށް އެދެން." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި އިއްޔެ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ސިވިލް ސާވިސް ވަޒީފާއަށް ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން ސިޔާސީ ކަންކަމުގައި އަނގައިން ނުބުނެވޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކި މިންގަނޑުތަކަކަށް، ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް އޭނާއަށް ނުވެސް ލިޔެވޭނެ ކަމަށާއި އޭނާއަށް ބޭނުންވާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ސަލީމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.