ލައިފް ސްޓައިލް

''ބަވަތި'' އަދި ''ހައްދު'' އިންޑިއާގެ ފިލްމު ފެސްޓިވަލަށް

ދިވެހި ފިލްމު ''ބަވަތި'' އަދި ''ހައްދު'' އިންޑިއާގެ ފިލްމު ފެސްޓިވަލް ''ކަރްނަޓަކާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް 2021'' ގައި ބައިވެރިކުރަން ނިންމާފައިވާކަން މޯލްޑިވްސް ސޮސައިޓީ ފޮ ޕާފޯމިންގް އާޓްސް އިން ބުނެފިއެވެ. އެ އެސޯސިއޭޝަނުން މިކަން އިއުލާންކުރީ މިދިޔަ އާދިއްތަ ދުވަހު އެފަރާތުގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ.

''ހައްދު'' އަކީ 2017 ވަނަ އަހަރު އަބްދުލް ފައްތާހު ޑައިރެކްޓްކޮށް، ރެޑް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ފައްތާހު އަދި ނިއުމާ މުހައްމަދު އުފައްދާފައިވާ، ފާހަގަކޮށްލެވޭ ފިލްމެކެވެ. ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އަދި އާމިނަތު ރިޝްފާގެ އިތުރުން އަލަށް ތައާރަފުވި އަހްމަދު ޝިބާން ފެނިގެންދެއެވެ.

2019ގައި ރިލީސް ކުރި ''ބަވަތި'' އަކީ އިލްޔާސް ވަހީދު ޑައިރެކްޓްކޮށް، އައިފިލްމްސް އިން އުފައްދާފައިވާ ފުރަތަމަ ފީޗާ ފިލްމެވެ.

ތަރިންގެ ތެރޭގައި ނުޒުހަތު ޝުއައިބް އަދި އަލަށް ފިލްމީ ދާއިރާއަށް ނުކުތް އަހްމަދު އިފްނާޒު ފެނިގެން ދާއިރު، މިފިލްމަކީވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ފިލްމެކެވެ.

މޯލްޑިވްސް ސޮސައިޓީ ފޮ ޕަފޯމިންގް އާޓްސް އަކީ 2011 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. ދިވެހި ފިލްމް އިންޑަސްޓްރީއާއި މުނިފޫހިފިލުވުމުގެ ހުނަރުތައް ކުރިއަރުވަން ރާއްޖޭންނާއި ރާއްޖޭން ބޭރުން ތަފާތު ފުރުސަތުތައް ހޯދައިދިނުމަކީ މި ޖަމިއްޔާގެ މެންޑޭޓްގައި ހިމެނޭކަމެކެވެ.