ލައިފް ސްޓައިލް

ބުރާސްފަތި ދުވަހު ރިލީސްކުރާ ހިންދީ ފިލްމް ''ސައިނާ''ގެ ރިވިއު

ހިންދީ ފިލްމު ''ސައިނާ'' ގެ ވާހަކަ ބިނާވެފައިވަނީ ކުޅިވަރުގެ ދުނިޔޭގައި ފިޔަޖަހާލި އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށެވެ.

މިފިލްމު ޑައިރެކްޓްކޮށްފައިވަނީ އަމޯލް ގުޕްތެވެ. ފިލްމުގެ ލީޑް ރޯލުން ސައިނާގެ ގޮތުގައި ފެނިގެންދަނީ ޕަރިނީތީ ޗޯޕްރާއެވެ. އޭގެ އިތުރުން ޕަރޭޝް ރާވަލް، މާނަވް ކޯލް، އަންކުރް ވިކަލް މުހިއްމު ރޯލްތަކުން ފެނިގެންދެއެވެ.

ތިރީގައި އެވަނީ ފިލްމުގެ ރިވިއު އެކެވެ.

ކްރިޓިކްސް ރޭޓިންގް:3.5/5

ރިވިއު:

އިންޑިއާގެ ހައިދަރުއާބާދުގައި ދިރިއުޅެމުން އަންނަ އުޝާ އަދި ހަރްވިލް ސިންގް ނެހްވާލްގެ އަންހެން ދަރިފުޅު، ސާއިނާ ނެހްވާލް މަޝްހޫރު ވެގެންދިޔައީ 2015 ގައި މުގުރާލި ބެޑްމިންޓަންގެ ދުނިޔޭގެ އެއްވަނައިގެ ރެކޯޑް ހަދައިގެންނެވެ.

ސައިނާ ވެގެން ގޮސްފައިވަނީ މި ރެކޯޑް މުގުރާލި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ. އަދި ދެވަނައަށް މިހިސާބަށް އައި އިންޑިއާގެ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މިޖާގަ ލިބުނު އިންޑިއާ ކުޅުންތެރިޔަކީ ޕްރަކާޝް ޕަޑުކޯން އެވެ.

ފިލްމުގައި، ސައިނާ ހޯދާ ކާމިޔާބީތަކާއެކު މިހާ ހިސާބަށް އައުމުގައި ދިމާވާ ކަންތައްތައް، އަދި ކޯޗް ޕުލެލާ ގޯޕީޗަންދު އާ ދޭތެރޭ ޖެހޭ މައްސަލަތައް ދައްކައިދީފައި ވެއެވެ. މީގެ އިތުރުން ސައިނާގެ ވާދަވެރިއެއްގެ ގޮތުގައި ވީޕީ ސިންދު އާ ދެމެދު ޖެހޭ މައްސަލަތައްވެސް ފިލްމުގައި ދައްކައިދީފައިވެއެވެ.

ސާއިނާ ކާމިޔާބީގެ ފުރިހަމަ ޝުކުރު ހައްގުވަނީ އޭނާ ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ކުޅުނު ރޯލުންކަން ގެނެސްދީފައި ވެއެވެ. މީގެ އިތުރަށްވެސް މިފިލްމުގައި ސައިނާގެ ހަޔާތާ ގުޅުން ހުރި ގިނަ ކަންކަން ފާހަގަކޮށްފައި ވެއެވެ.

މީގެ ތެރޭގައި އޭނާއަށް ކުޅުމުގައި ލިބޭ ބޮޑު އަނިޔާއެއްގެ ސަބަބުން، ކުޅުމާ ދުރަށް ދާން ޖެހުމާއެކު ކުރިމަތިވާ ކަންކަން ހިމެނެއެވެ. އަދި އެވަގުތުގައި މަންމަ އޭނާއަށް ހިތްވަރު ލައި ދެއެވެ. މީޑިއާ އަދި ދުނިޔެ ކޮންމެ ގޮތަކަށް ދެކުނަސް އަމިއްލަ ނަފްސާ ދޭތެރޭ އޮންނަ ޔަގީންކަމަށް ޝައްކު ނުކުރުމަށް ނަސޭހަތްދީ ހިތްވަރުދޭތަން ދައްކުވައިދެއެވެ.

ސައިނާ އެއް ވަނައިގެ ރޭންކިންއަށް އައުމުގެ ފަހަތުގައި ވަނީ އޭނާގެ މަންމަގެ އުއްމީދާއި ޔަގީންކަމެވެ. މަންމަޔަކު ދަރިފުޅަށް ދޭ އެއްބާރުލުން މި ފިލްމުން ދައްކައިދެއެވެ.

އާއްމުގޮތެއްގައި ފެންނަ އިންޑިއާގެ ސްޕޯޓްސް ޑްރާމާ ބައިގްރޮފީ ފިލްމުތަކުގައި، ކެކުޅުމާއި، ކާމިޔާބާއި ނާކާމިޔާބު، ވެއްޓުމާއި އަދި އެނބުރިއައުން މި ފިލްމުގައި ވެސް ގެނެސްދީފައި ހުރެއެވެ.

އިންޑިއާއަކީ މޮޅު ކުޅުންތެރިން ހިމެނޭ ގައުމެއްކަމުން، އެއްވެސް ފިލްމެއްގައި މިފަދަ ތަރިންގެ ފޮރުވިފައިވާ ފަރާތް އެހާ ބޮޑަށް ގެނެސްދީފައެއް ނުހުރެއެވެ.

އަމޯލް ގުޕްތާ ވާހަކަ ގެނެސްދީފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ސައިނާގެ ވާހަކަ ގެނެސްދީފައިވަނީ، މާ ގޮތް ބޮޑު ނުކޮށް، އަދި ކާމިޔާބީތައް ވެސް އެންމެ މަތިންނެއް ނޫނެވެ.

ފިލްމަކަށް ވީތީ ބައެއް ކަންކަން ގެނެސްދީފައި ހުންނާނީ އޯޑިއެންސަށް ވެސް ގުޅޭ ގޮތަށް ބަދަލުކުރެވިގެން ކަމުން، ފިލްމުގެ ބައެއް ސީން ތަކަކީ އަސްލާ އެއްގޮތަށް، ކަން ހިނގައިދިޔަ ގޮތްކަމުގައި ނުވުން އެކަށީގެންވެއެވެ.

ނަމަވެސް ފިލްމުގައި 12 އަހަރުގެ ސައިނާ އޭނާއަށް ލިބޭ ރަނަރއަޕް މެޑަލް ފަހުރުވެރިކަމާއެކު އެންމެނަށް ދައްކަމުން ދުވާތީ، މަންމަ އޭނާ ގެ ކޯމަތީ ޖަހާ މަންޒަރު ފާހަގަކޮށްލެވެއެވެ. ކުޅިވަރުގެ ދުނިޔޭގައި ދެވަނައަކީ މަގާމެއް ނޫން ގޮތުގައި ބުނެއެވެ. މިތަނުގައި އޭނާ ހަމައަކަށް އަޅުވަނީ އޭނާގެ ބައްޕައެވެ. އަދި މޮޅުވުމަކީ އޭނާގެ މަންމައަށް ކިހާ މުހިއްމުކަމެއް ކަން ބުނެދެއެވެ. މިކަމުގެ ސަބަބުން ހިތްވަރު އެލުމުގެ ބަދަލުގައި، ސައިނާއަށް މިކަމުން މޮޅުވާން ހިތްވަރު ލިބިގެންދެއެވެ. ގުޕްތާ ވަނީ ފިލްމުގެ ކެރެކްޓާ ތައް، އަސްލާ އެއްގޮތަށް ގެނެސްދޭން ވަރަށް މަސައްކަތްކޮށްފައިކަން ފާހަގަކުރެވެއެވެ.

ސައިނާގެ ބައްޕަ، އޭނާގެ ކާމިޔާބީ އަދި ނާކާމިޔާބީ މާބޮޑަށް ފާހަގަކުރާތަނެއް ނުފެނެއެވެ. އޭނާ އޭނާގެ މަސައްކަތުގައި އާދައިގެ މަތިން އުޅެމުންގެންދެއެވެ. ސައިނާ ދުނިޔެއާއި ކުރިމަތިލުމުގައިވެސް މި އާދައިގެ ގޮތް ގެންގުޅެއެވެ.

މުމްބާއީގެ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ 10 އަހަރުގެ ނައިޝާ ކުއަރް ބަޓޫޔެ، ސައިނާގެ ކުޑައިރު ގޮތަށް ގެނެސްދީފައިވަނީ ވަރަށް ފުރިހަމައަށެވެ.

ޕަރިނީތީ އަކީ ކުޅިވަރުގެ ދުނިޔެއިން އައިސްފައިވާ ބަތަލާއަކަށް ނުވާއިރު، ފިލްމުގައި ސައިނާގެ ވާހަކަ އަދި ހުނަރު ގެނެސްދިނުމަކީ ވަރަށް ޗެލެންޖިން ކަމެކެވެ. ނަމަވެސް މިފިލްމުގައި އޭނާ ކޮށްފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ސައިނާއަކީ އާދައިގެ ކުއްޖަކަށް ވުމާއި، ގެނެސްދޭނެ މާ ގިނަ ކަންތައްތަކެއް ނެތުން ޑައިރެކްޓަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އަދި ސައިނާ ކާމިޔާބަށް ވާސިލު ވުމުގެ ފަހަތުގައިވެސް އޭނާގެ އާއިލާ އަދި ރައްޓެހިންގެ ސަޕޯޓް، ފިރިއެއްގެ އެހީތެރިކަން ލިބެއެވެ. މާބޮޑު ދެބަސްވުންތަކެއް ނުހިނގައެވެ.

ނަމަވެސް ޑައިރެކްޓަރު ވަނީ ސައިނާގެ ވާހަކަ ބެލުންތެރިންނަށް ކަމުދާނެހެން ގެނެސްދީފައެވެ. މި ފިލްމު އިތުރަށް ޝައުގުވެރިކުރުވިދާނެ ގޮތަކަށް ގެނެސްދެވިދާނެ ކަމަށާއި، ނަމަވެސް ޒުވާނުންނަށް ކަމުދާނެ ގޮތަކަށް ފިލްމު ހުށަހަޅައިދެވިފައިވާ ކަމަށް ފާހަގަކުރެއެވެ.