މިމަހުގެ 11 ވަނަ ދުވަހުގެރޭ ވ. އަމްބަރާ އަށް މަސްދަތުރުދިޔަ 95 މީހުންނާ މެދު ފުލުހުން ކަންތައްތައް ކޮށްފައިވާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމިޓީ)ން ބަލަން ނިންމައިފިއެެވެ.

އެ މައްސަލަ ބަލައިދިނުމަށް އެ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ.

އެ މައްސަލަ ބެލުމަށް އެދި އެ މެންބަރުން ކޮމިޓީއަށް ފޮނުއްވި، ސިޓީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކޮމިޓީއާ ހިއްސާ ކުރެއްވި އިރު އެ މައްސަލަ ބަލަން ޖެހޭ ފަސް ކަމެއް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ، މިމަހުގެ 11 ވީ ބުރާސްފަތި ދުވަހު ހެންވޭރު ޒުވާނުން، އޯވަ ނައިޓް މަސް ދަތުރުގައި އަންބަރާއަށް މަޑުކޮށް އެރަށުގައި ތިއްބާ ފުލުހުން އެރަށަށް އަރައި ކަން ހިނގައިދިޔަ ގޮތުން ސުވާލު އުފެދޭ އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.

އެ ދަތުރުގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ޒުވާނުންނަކީ، އެ މެންބަރުން ނިސްބަތްވާ ދާއިރާގެ ޒުވާނުންނަށްވާތީ އެ މައްސަލަ ބަލަން ހުށަހެޅުމަކީ އެ މެންބަރުންގެ ޒިންމާއެއް ކަމަށާއި އެ މައްސަލަ ބެލުމަކީ ކޮމެޓީގެ މެއިންޑޭޓުގައި ހިމެނޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، މިއީ ހެންވޭރު ޒުވާނުންނާ ގުޅުން ހުރި ކަމަށްވާތީ އެކަމަކީ މަޖިލީހުން ކޮންމެހެން ބަލަން ޖެހޭ ކަމެއް ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި ވަނީ، އެ ރަށަށް ފުލުހުން އެރީ ކޯޓު އަމުރެއްގެ ދަށުން ޑްރަގް ރެއިޑެއްކުރަން ކަމަށް ބުނި ނަމަވެސް ކޯޓު އަމުރު ނުދައްކާ ކަމަށާއި، ވެށީން ޑްރަގަށް ތުހުމަތު ކުރެވޭ އެއްވެސް އާލާތެއް ފެނިފައި ނުވެމެ، ރަށުގައި އެމީހުން ރަހީނުކޮށް ފޯނު ބޭނުންކުރުން މަނާކޮށް، ބޭތިއްބުމަށްފަހު ރަށުން ފައިބާން އެންގި ސަބަބު ބެލުމަށެވެ.

އެ ރަށަށް އެރުމަށް ފުލުހުންނަށް އެއްވެސް ހުރަހެއް ނެތި ސްޓޭންޑް ގްރެނެއިޑް ކަމަށް ބެލެވޭ ގޮވާތަކެތި ބޭނުންކޮށް ރަށަށް އެރި ސަބަބު ބަލައި ދިނުމަށާއި، 18 އަހަރު ނުފުރޭ ކުޑަކުދިން ތިއްބައި، އަދި ރަށަށް އެރުމަށް އެއްވެސް ހުރަހެއް ނެތި، ގޮވާތަކެތި ބޭނުންކޮށްގެން ރަށަށް އެރި މައްސަލަ ބަލައިދިނުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން ޑްރަގް ރެއިޑެއް ކަމަށްބުނެ ރެއިޑް ކުރުމަށްފަހު އެފަދަ އެއްވެސް އެއްޗެއް ނުފެނުމުން، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފު ވެފައިވާ ކަމަށްބުނެ ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވާ މައްސަލަ އާއި އެމީހުން ކެއުމަށް ފުރުސަތު ނުދީ ރަށުން ފައިބައިގެންދާން އަމުރުކޮށް ދޯނީގައި ހުއްދަ ނެތް އަދަދަށް ދޯންޏަށް އަރަން އަންގައި އެއީ ކުށެއް ކަމަށް ބުނި މައްސަލަ ބަލައި ދިނުމަށްވެސް އެ ސިޓީގައި އެދިފައިވެއެވެެ.

އެ މައްސަލަ ބަލައި 15 އޭޕްރީލްގެ ކުރިން ނިންމުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.