ލައިފް ސްޓައިލް

ކުޑައިރުއްސުރެ ގޭތެރޭގެ ކަންކަމުގައި އެހީތެރިވާ ކުދީން ކާމިޔާބު މީހުނަށް ވުމަށް މަގުފަހިވޭ

ކުދިން ކާމިޔާބު މީހުންނަށް ހަދަން ބޭނުންވާ ނަމަ، ކުދިން ލައްވައި ގޭތެރޭގެ މަސައްކަތް ކުރުވާށެވެ! ނުވަތަ މަސައްކަތްތަކުގައި ބައިވެރި ކުރުވާށެވެ! މިފަދައިން ކަންތައް ކުރުމުން، އެކުދިންނަކީ ބޮޑުވެގެން ކާމިޔާބު ބަޔަކަށް ވުމަށް މަގުފަހި ކުރުވާކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ޝާމިލު ކުރުމަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

ގޭތެރޭގައި މަސައްކަތް ކުރާއިރު، ބައިވެރިވުމަށް ދައުވަތު ދޭށެވެ. އަދި އެކަމެއް ކުރުމަށް ކުއްޖާއަށް ހިތްވަރުދޭށެވެ.

ބަދިގޭގައި އުޅޭ ވަގުތު، ކުޑަކުދިން އާއްމުގޮތެއްގައި މަންމައަށް އެހީތެރިވެދިނުމުގެ ބޭނުމުގައި، ގޮނޑި މައްޗަށް ކޮޅަށް އެރުމާއި، އުނދުނާ ކައިރިވެ އުޅެން މަސައްކަތް ކުރެއެވެ. ނަމަވެސް އަވަހަށް ކައްކައި ނިންމަން ބޭނުންވެފައިހުންނަ މަންމަ، އަދި ދަރިފުޅަށް ގެއްލުމެއް ވެދާނެތީވެސް، އަވަސްވެގަންނަނީ ކުއްޖާ ބަދިގެއިން ދުރުކޮށް، ކުއްޖާގެ ސަމާލުކަން ގޭތެރޭގެ އެހެން ދިމާލަކަށް އަނބުރައިލެވޭތޯއެވެ.

އެހީވާން ކުއްޖާ އުޅޭ ކޮންމެ ފަހަރަކު މިފަދައިން ތަކުރާރުކޮށް ދުރުކޮށްލެވޭ ނަމަ، ކުއްޖާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ސަމާލުކަން ކުޑަވާކަން ދުވަސް ވާ ވަރަކަށް ފާހަގަކުރެވޭނެއެވެ.

ބެލެނިވެރިއެއްގެ ހައިސިއްޔަތުން، ދަރިންގެ ކިބައިން ކޮންމެވެސް ވަރަކަށް އެހީއަށް އެދުމާއި، ކުދިންގެ ފަރާތުން އެހީތެރިކަން ހޯދަން ބޭނުންވާން ވާނެއެވެ.

ކުއްޖާ ބަދިގެއިން ދުރުކުރާ ގަޑީގައި، ޓީވީ ބަލަން ފޮނުވައިލުން، ނުވަތަ ސްކޫލަށް ނޫނީ ބޭރަށް ދާންދެން، ތަންތަން ފޮޅައި ސާފުކުރުން ފަދަ ކަންކަންކުރަން މަޑުކުރުމުގެ ސަބަބުން، އެކަންކަން ކުދީންނަށް ދަސްވުމުގެ ފުރުސަތު ކުޑަވެ ތަމްރީނުވަމުން އައުމަށް ހުރަސް އެޅެއެވެ.

މިހެން ކަންތައް ކުރުމުގެ ސަބަބުން، ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން އުޅުމަކީ މުހިއްމު ކަމެއް ކަމުގައި އެކުދިން ނުދެކުން، ނޫނީ ކުރާ ހިތް ނުވުމަށް މަގުފަހި ކުރުވަފާނެއެވެ. އޭގެ ބަދަލުގައި ކުދިން ގޭގައި އުޅޭ ގަޑީ މަސައްކަތް ކޮށް، މަސައްކަތުގައި ބައިވެރިވުމަށް ހިތްވަރުދެވިދާނެއެވެ.

ހަވާލުކުރެވޭ މަސައްކަތް ބައިބަޔަށް ބަހާލައިގެން ދިނުން

ހަޔަރު އަހަރުގެ ކުއްޖަކަށް ބަދިގޭގައި ކައްކަން ހަވާލުކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަދި މިއީ 7 އަހަރުގެ ކުއްޖަކަށްވެސް ހަވާލުކުރަން ޖެހިލުންވާނެ ކަމެކެވެ. ނަމަވެސް އުމުރާ ގުޅޭ ގޮތަށް ބަދިގެ ތެރޭގައިވެސް ކުރެވިދާނެ ކަންކަން ބައިބަޔަށް ބަހާލައި، އެކުއްޖަކާ ހަވާލުކުރެވިދާނެއެވެ.

ބޭނުމަކީ ކުދިން ލައްވައި ޒިއްމާދާރުކަމާއެކު މަސައްކަތް ކުރުވަން ކަމުގައި ވީނަމަވެސް، ތުއްތު އިރު ކުދިން ހާނަންވީ، އެކުދިންނަށް މަސައްކަތް ކުރަން ދަސްކޮށްދިނުމަށާއި، އެކަމުގައި ޝާމިލުވެ އުޅުވުމަށެވެ.

މިސާލަކަށް، ފަސް އަހަރުގެ ކުއްޖަކަށް މުޅި ގޭތެރޭގެ ކުނި ބޭރުކުރަން ހަވާލުކުރުމަކީ ތަންކޮޅެއް ބޮޑުކަމަކަށް ވެދާނެއެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ކުރެވޭނެ ވަރުގެ ކަންކަން، ކުދިކުދި ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދެވިދާނެއެވެ. އޭގެ ތެރޭގައި، ކަބަޑުން ޑަސްބިނަށް ލައްވާނެ ކޮތަޅު ނަގަން ބުނުން، ކުނި ބޭރުކުރަން ދޮރު ހިފަހައްޓާލަދިނުން، ފަދަ ކަންކަމުގައި ކުއްޖާ ބައިވެރިކުރެވިދާނެއެވެ.

ކާން ތައްޔާރުކުރަން އުޅޭ ގަޑީގައި، ކާ ތަށިތައް މޭޒުމަތީ އެތުރުމުގައި ކުއްޖާގެ އެހީތެރިކަން ހޯދިދާނެއެވެ. ކުދިކުދި ތަށިތައް އަތުރަން ހަވާލުކޮށްލުން ފަދަ ކަމަކުންވެސް، އެކުއްޖަކަށް މަސައްކަތެއް ހަވާލުކޮށް އެކަމެއް ކުރުމުގެ ގާބިލުކަން ލިބިގެންދެއެވެ.

ނުވަތަ ގޭތެރޭގެ މަސައްކަތެއްގައި ބައްޕަ އުޅޭ ވަގުތު، އެކަމަށް ބޭނުންވާ ކުދި ކުދި އެއްޗެތި ހުންނަ ތަން ބުނެދިނުމަށްފަހު ގެނެސްދިނުމަށްވެސް ހަވާލުކުރެވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން، ކުއްޖާގެ އެހީތެރިކަން ބޭނުންވާ ކަމާއި، މަސައްކަތް ކުރެވެނީ ގުޅިގެން ކަމުގެ އިހްސާސް އަދި އެކުއްޖާގެ އެހީ މުހިއްމުވާ ކަމަށް ގަބޫލު ކުރެވޭނެއެވެ.

ކުދިންނަށް މަސައްކަތް ބަހާލައިގެން ތާވަލު ކޮށްލެވިދާނެއެވެ. ތުއްތު ކުދިންނަށް ދުވާލެއްގެ މައްޗަށް ގަޑިއިރެއްގެ ތެރޭ މިފަދަ ކުދިކުދި ދެތިން މަސައްކަތެއް ހަވާލުކުރެވިދާނެއެވެ.

ކެތްތެރިވުން

މިކަމުގައި ބެލެނިވެރިޔާގެ ކެތްތެރިކަން ބޭނުންވެއެވެ. އެހެނީ އަމިއްލައަށް އެކަމެއް ކުރުމަށް ހޭދަވާ ވަގުތަށްވުރެ ގިނަ ވަގުތު ކުއްޖާ ލައްވައި ކުރުވަން ހޭދަވެއެވެ. ކެތްތެރިކަމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

ކާމިޔާބުވާން ދަރިފުޅު ހާނާށެވެ.

ކެތްތެރިކަމުގެ ފޮނި ނަތީޖާ ފަހުން ފެނެއެވެ. މިފަދައިން މަސައްކަތްތަކަށް އަހުލުވެރިވެގެން ބޮޑެތިވާ ކުދިންގެ ކިބައިގައި ކާމިޔާބު މީހަކަށް ވުމުގެ ހުނަރު ހުރެއެވެ. ނުވަތަ އެފަދަ ކުދިންނަކީ ބޮޑުވެގެން ކާމިޔާބު މީހުންނަށް ވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިފަދައިން ސާބިތުވާކަމަށް ދިރާސާތަކުން ދައްކައެވެ.

ހަޔާތުގައި އުފާވެރި އަދި ކާމިޔާބު މީހަކަށްވުމަށް ދެ ކަމެއް ބޭނުންވޭ!

މަސައްކަތުގެ މާހައުލުގައި އުޅެން އެނގުން އަދި ލޯބި، މިއީ އެ ދެކަމެވެ.

ލޯބީގެ ވާހަކަ އެހެން ފަހަރަކަށް ބާއްވަމާ ހިނގާށެވެ. މަސައްކަތުގެ މާހައުލުގައި އުޅުމުގެ ވާހަކައަށް ބަލައިލާނަމެވެ. ކުދިން މަސައްކަތުގެ މާހައުލު ދަސްކުރަނީ އެކުދިންނަށް ގޭތެރޭގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް އަހުލުވެރިވެގެންނެވެ. ނުވަތަ އެފަދައިން ހޭނިފައި ވާތީއެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ކުރީގެ ޑީން އޮފް ފްރެޝްމަން، 2016 ގައި އޭނާގެ ސްޕީޗެއްގައި ބުނެފައިވެއެވެ؛
''ހާވާޑް ގްރާންޓް ސްޓަޑީ'' އިން އަހަރެމެންނަށް އެނގިފައިވަނީ، ހަޔާތުގައި ޕްރޮފެޝަނަލް ކާމިޔާބީ އަންނަނީ ކުޑައިރު ދަރިން ލައްވައި މަސައްކަތްކުރުވަން އަހުލުވެރިކުރުވައިގެންކަމެވެ. ތުއްތުއިރު މިފަދައިން ހާނަން މަސައްކަތް ކުރާ ވަރަކަށް ރަނގަޅު ވެއެވެ. ކުދިންގެ ސިކުނޑި ހޭނިފައި ހުންނަން ވާނީ، ''މިއީ ކޮންމެވެސް މީހަކު ކުރަން ޖެހޭ މަސައްކަތެކޭ.... މިމަސައްކަތްކުރާނީ އަހަރެންނޭ'' މިފަދަ ގޮތަކަށެވެ. އަދި ވަޒީފާގެ މާހައުލުގައި ކާމިޔާބަށް ވާސިލުވަނީ މި ވިސްނުން ގެންގުޅެގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސައްކަތްތަކަށް އަހުލުވެރިކުރުމުގައި ވަކި ޖިންސަކަށް ބެލުމެއް ނެތި ހޭނުވުން

ކުދިން ލައްވައި ގޭތެރޭގެ މަސައްކަތްކުރުވުމުގައި ޖިންސުގެ ތަފާތަށް ބެލުމެއް ނެތެވެ. ކާ ތަށިތައް ދޮވުމާއި، ތަންމަތި ބަދަލުކުރުމުން ފެށިގެން، އަންނައުނު ދޮވުމަކީ ފިރިހެންކުދިންވެސް ހާނުވަން ވާނެ ކަންކަމެވެ. އަންހެން ކުދިންނަށް ބޮތްކެއް، ބެޓެރިއެއް ބަދަލުކުރަން އެންގުން، އަދި ވަޑާމުގެ ކަންކަން ކޮންމެވެސް ވަރަކަށް ދަސްކޮށްދިނުމަކީ، މިކަންކަމުގެ ފައިދާ އެކުދިންނަށް އަބަދުވެސް ކުރާނެ ކަންކަމެވެ.