މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒްް މިނިސްތަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ އާބާދީ ގިނަވެ މަސްވެރިންނަށް ބޮޑެތި އުންދަގޫތަކެއް ދިމާވަމުން ދިއުމާއި، މޫދަށް އެރޭ ފަތުރުވެރިންނަށް އެތަކެތީގެ ނުރައްކާ ކުރިމަތިވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައެއް މެންބަރުން ފިޝަރީޒް މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ މެންބަރުން ވިދާޅުވީ މިހާރު ރާއްޖޭގެ ކަނޑުތަކާއި މޫދުގައި މިޔަރުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށާއި މި ފަދަ ދަނޑިވަޅެއްގައި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުން މުހިއްމު ކަމަށެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިޔަރުގެ މަސްވެރިކަން ހުޅުވާލާނީ ކޮން ގޮތަކަށް ކަމާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިޔަރު ހިމާޔަތް ކޮށްގެން އުޅެނީ ވަރަށް މަދު ގައުމެއްގައި ކަމަށާއި މިޔަރުގެ މަސްވެރިކަމަކީވެސް ރިސޯސެއް ކަމަށާއި އެހެންކަމުން އެ ރިސޯސް ބޭނުން ނުކޮށް ތިބެންވީ ސަބަބެއް ނެތް ކަމަށްވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
އިގްތިސޯދީ މަންފާއެއް ލިބޭ ކަމެއްގައި "އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، އާބާދީއަށް ގެއްލުން ނުވާ ގޮތަށް ވަކި މުއްދަތަކަށް ހުޅުވާލައިގެން އޭގެ މަންފާވެސް ހޯދަން ޖެހޭނެ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.