ޖިނާއީ ބޮޑެތި ކުށެއްގެ ދައުވާ އުފުލާފައިވާ މީހުންނާއި އެފަދަ ކުށެއްގެ ތަހުގީގު ހިންގާ މީހުން ރާއްޖޭން ބޭރަށް ދަތުރުކުރެވޭނީ ޕާސްޕޯޓުގެ ބަދަލުގައި، ވަގުތީ ލިޔުމެއްގައި ކަމަށް ކަނޑައަލައި، ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމަށް ކަނޑައަޅަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލަ ބެލުމަށްފަހު ދައުލަތުގެ ކަމާބެހޭ ފަރާތްތަަކަށް ކޮމިޓީން ހުށަހަޅާ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

އެ ރެކޮމަންޑޭޝަންގައި ވަނީ، ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހެއް، ނުވަތަ އެފަދަ ކުށެއްގެ ތަހުގީގު ހިނގަމުންދާ މީހެއް ނަމަ އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓިފައިވުމަށް ފަހު ރާއްޖޭން ބޭރަށް ފުރުމަށް ހުއްދަ ދެވޭ ހިނދު އެ ހުއްދަ ދެވޭ ސަބަބުގެ އިތުރަށް މައްސަލަައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް އެންމެ ފުޅާ މިނެއްގައި ރިއާޔަތް ކުރަންޖެހޭނެ ކަމަށެވެ.

އެގޮތަށް ރިއާޔަތް ކުރާއިރު، އެމީހާއަކީ ރާއްޖެ ނޫން ގައުމެއްގައި ފިލައިގެން އުޅެވިދާނެ ކަމުގެ މާލީ ތަނަވަސްކަން ހުރި މީހެއްތޯ ބަލަން ވާނެ ކަމަށް ކޮމިޓީން ބުނެފައިވެއެވެ. އަދި އެމީހެއްގެ ހުރި އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނެ ކަމުގެ ޔަގީންކަން ކޯޓުން ހޯދަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުށުގެ ތުހުމަތުވާ މީހާ ފުރައިގެން ދާނެ ތާރީހަކާއި އަންނާނެ ތާރީހެއް ކަނޑައަޅަން ވާނެ ކަމަށް ވެސް ކޮމިޓީން ބުނެފައިވެ އެވެ.