ހއ. އަތޮޅުގެ ބައެއް ރަަށްތަކަށް މަސްތުވާތަކެތި ލައްގަމުން ދަތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ ހއ. އަތޮޅުގެ ބައެއް ރަށްރަށުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ލައްގަމުން އަންނަ ކަމަށެވެ.
އަދި މިވަގުތު ފުލުހުން އެ ރަށްރަށުގައި ހަރަކާތްތެރިވަމުންދާތީ، އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ތ. އަތޮޅު ފަޅު ރަށަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފަ އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ކަމަށް ޗައްކު ކުރެވޭ އެއްޗިހިތަކެއް ހުރި ރަބަރު ޕެކެޓުތައް ލައްގާފައިވަނީ ހއ. ވަށަފަރާއި ފިއްލަދު އަށެވެ.
ފިއްލަދޫ ކައުންސިލް ރައީސް މުހައްމަދު ފަލާހް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބަސްތާއެއް ގޮތަށް އޮތް ބޮޑު އެއްޗެއް އެރަށު ފަޅުތެރެއިން ބަޔަކަށް ފެނުނު ކަމަށެވެ. އަދި އެއީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވިގެން ކައުންސިލް އިދާރާއަށް އެ ބަސްތާ ގެނައި ކަމަށާއި އޭގައި ގާތްގަނޑަކަށް 50 ކިލޯ ހުރި ކަމަށެވެ.
ފަލާހް ވިދާޅުވީ އެ ބަސްތާ ފެނުނު ސަރަހައްދުގެ އިތުރުން ރަށުގެ އެހެން ސަރަހައްދުތަކުންވެސް މީގެ އެއްޗެހި ހުރި އެއްކިލޯގެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އެހެންކަމުން ރަށުތެރޭގައި މިތަކެތި ގެންގުޅެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ރަށެއް. ބޮޑުކޮށް އޮންނާނީ މީހުން ދިރިނޫޅޭ ސަރަހައްދު. އެ ސަރަހައްދުންވެސް މީގެ ޕެކެޓެއް ފެނުނު. އެހެންވީމަ ރަށުތެރޭގަ މި ނުގެންގުޅޭނެޔޭ ބުނަން ވަރަށް ދަތި. އެ ބިރު އެބަ އޮތް ގެންގުޅެފާނެ ކަމުގެ. މި ގޯންޏެއް ގޮތަށް އޮތް ކަޅުކުލައިގެ އެއްޗެއް. އިއްޔެވެސް މީތި ފެނުނު ކަމަށް ބައެއް މީހުން ބުނި. ދެން ބޮޑަށް ބެލެވެނީ ކަނޑުމަތިން އޮޔާ ދާތާ ވަރަށް ގިނަ ދުވަސް ފަހުން ލެއްގި އެއްޗެއް ކަމަށް." އޭނާ ވިދާޅުވި އެވެ.
ފަލާހް އިތުރަށް ވިދާޅުވީ ފިއްލަދޫގެ އިތުރުން އެ އަތޮޅު ވަށަފަރަށް ވެސް މީގެ ހަތަރު ޕެކެޓް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހުރިހާ ތަކެތި ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު