ރަމަޟާން މަހާ ދިމާކޮށް، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ސިލްސިލާކޮށް ކުރިއަށްގެންދާ "ލޯތްބާއެކު 2021" ލޯންޗުކޮށްފިއެވެ.

މިވަގުތު ތުރުކީގައި ހުންނެވި އައިއޭސީގެ ދެ މަންދޫބުން ކަމަށްވާ އައިއޭސީގެ ޗެއާމަން އަހްމަދު އިގުބާލާއި އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރް މުހައްމަދު އަލީ، ލޯތްބާއެކު ކެމްޕޭން ލޯންޗުކޮށްފައިވަނީ ތުރުކީންނެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އައިއޭސީގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ އީހާހާގެ އިސް ފަރާތެއްގެ އިތުރުން، އައިއޭސީގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު އަޒްހަދު އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ތުރުކީގައި ހުންނަވައިގެން ލޯތްބާއެކު 2021 އިފްތިތާހުކުރައްވަމުން އައިއޭސީގެ ޗެއާމަން އަހްމަދު އިގުބާލް ވިދާޅުވީ، ލޯތްބާއެކު ޕްރޮޖެކްޓަކީ 2018 ވަނަ އަހަރުގެ ތެރޭގައި ރަމަޟާން މަހަށް ހާއްސަކޮށް އައިއޭސީން އިފްތިތާހުކުރި ޕްރޮޖެކެޓެއް ކަމަށެވެ. މި ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުން ކަމަށް އިގުބާލް ވިދާޅުވިއެވެ. ކާބޯތަކެއްޗާއި އެހީގެ ތަފާތު އެކި ބާވަތްތަކާއެކު 2018 ވަނަ އަހަރު މި ކެމްޕޭނު ކުރިއަށްގެންދިޔައީ ގާޒާގައިކަން އިގުބާލް ފާހަގަކުރެއްވިއެވެ.

ތުރުކީގައި ހުންނަވައިގެން ލައިވްކޮށް ދިވެހި ރައްޔިތުންނާ މުހާތަބުކުރައްވާ އިގުބާލް އިތުރަށް ވިދާޅުވީ، 2019 ވަނަ އަހަރުގެ ތެރޭގައި މި ކެމްޕޭނު ކުރިއަށްގެންދިޔައީ ފަލަސްތީނުގެ ގާޒާ އަދި ސީރިއާގައި ކަމަށެވެ. މިދިޔަ އަހަރު ޖުމުލަ ހަތަރު ސަރަހައްދެއްގެ ރައްޔިތުންނަށް ވަނީ އެހީ ފޯރުކޮށްދީފައި ކަމަށާއި އަދި އެއީ ސީރިއާ، ޔަމަން، ގާޒާ އަދި ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށްކަން އިގުބާލް ވިދާޅުވިއެވެ. އިގުބާލް ވިދާޅުވިގޮތުގައި އަހަރަކަށް ފަހު އަހަރެއް މި ކެމްޕޭން ފުޅާވަމުން އަންނަ ކަމަށާއި ލިބޭ އެހީއާއި ތަރުހީބުގެ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.

ލޯތްބާއެކު 2021 އިފްތިތާހުކުރައްވަމުން އައިއޭސީގެ ޗެއާމަން ފާހަގަކުރެއްވިގޮތުގައި، އައިއޭސީގެ ޕާޓްނަރެއް ކަމަށްވާ އީހާހާ (އައިއެޗްއެޗް) ގެ އެހީއާއެކު މިއަހަރުގެ ކެމްޕޭނުގައި އިތުރު ގައުމުތަކަކާއި ސަރަހައްދުތަކެއް ވަނީ އިތުރުކުރެވިފައެވެ. ރޯދަމަހުގެ ކުރިން މި ޕްރޮޖެކްޓު އިފްތިތާހުކުރުމުގެ މަގުސަދަކީ، ރޯދަމަސް އަންނަންވާއިރު އެތައް އާއިލާއަކަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުންކަން އިގުބާލް ފާހަގަކުރެއްވިއެވެ.

ލޯތްބާއެކު 2021ގެ ތަފްސީލު ހާމަކުރައްވަމުން މިވަގުތު ތުރުކީގައި ހުންނެވި އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ ލޯތްބާއެކު ޕްރޮޖެކްޓުގެ ހަތަރުވަނަ އަހަރު ފެށޭއިރު، މި ޕްރޮޖެކްޓު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެހީވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެފައިވެއެވެ.

މިއަހަރު 16 ސަރަހައްދެއް ހިމެނިގެންދާނެ ކަމަށް އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ހިމެނޭ ގައުމުތަކަކީ ޔަމަން، ފަލަސްތީން، ސީރިއާ، ލުބްނާން، (ލުބްނާންގައި އެހީ ފޯރުކޮށްދޭނީ ލުބްނާނުގެ ރައްޔިތުންގެ އިތުރުން ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް)، ޖޯޑަން (ޖޯޑަންގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުން)، ތުރުކީ (ތުރުކީގައި ތިބި ސީރިއާ ރެފިއުޖީން އަދި ޔޫގިއާސް މުސްލިމް: ޗައިނާއިން ލިބެމުންދާ އަނިޔާތަކުން ފިލައިގެން ތުރުކީގެ އެހީގެ ދަށުގައި ތިބި ފަރާތްތައް)، ނޭޕާލް ( ނޭޕާލުގެ އާއިލާތަކުގެ އިތުރުން ނޭޕާލުގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީން)، މިޔަންމާ (ބުރުމާގެ ރަހީން ސްޓޭޓުގެ ރައްޔިތުން)، ބަންގުލަދޭޝް (ބަންގުލަދޭޝްގެ ފަގީރު އާއިލާތަކުގެ އިތުރުން ރޮހިންޔާ ރެފިއުޖީން) އެވެ.

މި ނުވަ ގައުމުގެ އިތުރުން މިއަހަރު އޭޝިއާ ބައްރުގެ އިތުރު ގައުމުތަކާއި އަދި މުޅިން އަލަށް އެފްރިކާ ބައްރުގެ ގައުމުތައް ވެސް މިއަހަރުގެ ލޯތްބާއެކު ކެމްޕޭނުގެ ތެރޭގައި ހިމަނާފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އެގޮތުން އެފްރިކާ ބައްރުގެ ތެރެއިން އެހީވާ ގައުމުތަކަކީ ނައިޖާ، މާލީ، ގާނާ، ޗާޑް، ސޯމާލިއާ އަދި އޭޝިއާ ބައްރުގެ ތެރެއިން އެހީވާ އިތުރު ދެ ގައުމަކީ ސްރީލަންކާ އާއި އިންޑޮނޭޝިއާއެވެ.

މި ރަމަޟާން މަހާ ދިމާކޮށް 16 ގައުމަކަށް އެހީވުމުގެ ފުރުސަތު ފަހިވެފަވާކަން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ދިވެހި ރައްޔިތުންނާ ދެމެދު ފާލަމެއް ގާއިމުކުރުންކަން އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

އޮންލައިން ބުރޯޑްކާސްޓިންގެ ތެރެއިން ލޯތްބާއެކު 2021 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި އީހާހާގެ ގްލޯބަލް ފަންޑް ރެއިސިންގް ޑައިރެކްޓަރު މުރާތު އާދެމޯލޫ ވިދާޅުވީ، އީހާހާއަކީ އިންސާނިއްޔަތައްޓަކައި 1993 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަމްއިއްޔާއެއް ކަމަށެވެ. މީގެއިތުރުން މިފަދަ މަސައްކަތުގައި އެއް އުއްމަތެއްގެ ގޮތުގައި މަސައްކަތްކުރުމުން އިތުރަށް ހިތްވަރު ލިބޭކަން އޭނާ ފާހާގަކުރެއްވިއެވެ.

100 އެއްހާ ގައުމުގައި މަސައްކަތް ކުރާ އީހާހާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އަމަލީގޮތުން ބައިވެރިވާ ބައެކެވެ. އެއް ގައުމުން އަނެއް ގައުމަށް ރެފިއުޖީންގެ ގޮތުގައި ފުއްޕާފައިވާ ބޯޓުތަކުގައާއި، ފައިމަގުގަ އާއި، އަދި އެކި ގޮތްގޮތުން ދަތުރުކުރާ މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަމުން އައިސްފައިވެއެވެ. އަދި އަމިއްލަ ގައުމުގައި ފަގީރު ހާލުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކަށް އެކި ގޮތްގޮތުން އަމަލީ މައިދާނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ތަޖުރިބާ ހުރި ޖަމިއްޔާއެކެވެ.

މުރާތު ވިދާޅުވީ، އައިއެޗްއެޗްގެ މަސައްކަތް ފެށުނީ ބޮސްނިއާގެ ހަނގުރާމައިގެ ދުވަސްވަރު ކަމަށާއި އެދި އޭރުން ފެށިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެތައް ހާސް ޕްރޮޖެކްޓެއް ނިންމާފައިވާ އިރު، ގިނަ އަދަދެއްގެ ދުނިޔެއައް ދިމާވި ކުއްލި ހާލަތަށް ހާޒިރުވެފައިވާ ކަމަށް މުރާތު ވިދާޅުވިއެވެ. މީގެއިތުރުން އައިއެޗްއެޗުން އެންމެ ބޮޑަށް ސަމާލުކަންދެނީ ހާއްސަ ހާލަތްތަކާއި ހަމަނުޖެހުމުގެ ސަބަބުން މީހުން ބިކަވެ ގެދޮރު ނެތިފައި ތިބި ސަރަހައްދުތަކަށް ކަމަށާއި މީގެއިތުރުން ގުދުރަތީ ހާދިސާތަކާއި، ކުއްލި ހާލާތުގައި ދިމާވާ ކަންކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އީހާހާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީހާހާގެ ގްލޯބަލް ފަންޑް ރެއިސިންގް ޑައިރެކްޓަރު މުރާތު އިތުރަށް ވިދާޅުވިގޮތުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ އެހީތެރިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުވަފަތްވެފައިވާ އަންހެނުންނާއި ޔަމީތުންގެ އިތުރުން ފަގީރު އާއިލާތަކަށް ވަރަށް ބޮޑެތި އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދީފައިވެއެވެ. މި ރަސްމިއްޔާތުގެ ތެރެއިން މުރާތު ވަނީ އޭނާގެ ހިތުގެ ފުން ޝުކުރު ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައްދުކޮށްދެއްވައިފައެވެ. އަދި ހިތުގެ އެންމެ ފުނުން ދިވެހި ރައްޔިތުންނާއެކު ވާކަން ފާހަގަކުރައްވަމުން މުރާތު ވިދާޅުވީ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށާއި ދިވެހި އަހުންނާއި އުހުތުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

މިފަހަރު ރަމަޟާން މަހާ ދިމާކޮށް ބެހުމަށް ހަމަޖެހިފައިވާ ޕެކޭޖުތަކަކީ ފުޑް ޕެކޭޖާއި އިފްތާރު (ރޯދަވިއްލުން) ޕެކޭޖެވެ. ފުޑް ޕެކޭޖުގައި ހިމެނޭނީ ރޯދަމަހާއި ރޯދަމަސް ނިމިގެން ދުވަސްކޮޅަކަށް އާއިލާއަކަށް ކައްކައިގެން ބޭނުންކުރެވޭ ވަރަށް ކާބޯތަކެއްޗެވެ. އަދި މިފަހަރުގެ ޕެކޭޖްގެ އަގަކީ 1125 ދިވެހި ރުފިޔާއެވެ.

މީގެއިތުރުން ކުންފުނިތަކަށް އެ ކުންފުނީގެ ނަމުގައި އިފްތާރު ޕެކޭޖް ބެހުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގެ ލޯތްބާއެކު ޕްރޮޖެކްޓުގެ ތެރެއިން "ލައިވްލީހުޑް ޕްރޮޖެކްޓް" ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ދިރިއުޅުން އާރާސްތު ކުރުމަށް އެހީއަކަށްވާނެ ކަމަށް އައިއޭސީން ބުނެއެވެ. ލައިވްލީހުޑް ޕްރޮޖެކްޓުގެ ދަށުން 2018 ވަނަ އަހަރު ސޯލާ ޕެނަލާއި ފެން ރައްކާކުރެވޭނެ ފަދަ ވަޅު އައިއޭސީން ވަނީ ހަދިޔާކޮށްފައެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ޕެންޑެމިކް ރިލީފްގެ ގޮތުގައި ހައިޖީނިކް ޕެކޭޖް ވަނީ ހިމަނައިފައެވެ. އަދި ސިއްހީ އިދާރާތަކަށް ބޭނުންވާ އެކި ކަންކަން ފަހިކޮށްދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރަމަޟާން މަހު ޖުމުލަކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މުހައްމަދު ވިދާޅުވީ ރޯދަމަހަކީ ހުރިހާ މުސްލިމުންނަށް ހާއްސަ މަހެއް ކަމުން މި ހާއްސަކަމުގެ ތެރޭގައި ހުރިހާ ފަރާތްތައްވެސް ޝާމިލުކުރަން ބޭނުންވާ ކަމަށެވެ. އަދި މުޅި ދުނިޔެވެސް އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަމާންކަމާއެކު މި ރޯދަ މަސް ފާއިތުކުރުމަށް އުންމީދުކުރައްވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

އެއްމަސްދުވަހަށް އާއިލާއަކަށް ބޭނުންވާ ޕެކޭޖުގެ އަގަކީ 1125 ދިވެހި ރުފިޔާ ނަމަވެސް ކޮންމެ ފަރާތަކަށްވެސް އެ ފަރާތަކަށް ދެވެން އޮތް މިންވަރެއް ސަދަގާތް ކުރުމުގެ ފުރުސަތު އޮތްކަން އައިއޭސީން ފާހަގަކުރެއެވެ. އަދި ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން ހަދިޔާކޮށްގެން މި ކެމްޕޭނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ޑޮނޭޓް ކުރައްވަން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ އެކައުންޓް ނަންބަރަށް ޑޮނޭޓް ކުރެވޭނެއެވެ. ބޭންކް: ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000026259 (ރުފިޔާ އެކައުންޓް)

އައިއޭސީން ބުނީ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅުއްވޭނެ ކަމަށާއި އިތުރު މައުލޫމާތު ވައިބާ މެދުވެރިކޮށް ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ވައިބާ ނަންބަރު 9122121 އިން ލިބޭނެ ކަމަށެވެ. މީގެއިތުރުން ލޯތްބާއެކު 2021 އާ ބެހޭ އެކި އިތުރު މައުލޫމާތުތައް އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކާމިޔާބުކަމާއެކު މިދިޔަ އަހަރު ނިންމާލި އިރު، ލޯތްބާއެކު ޕްރޮޖެކްޓުގައި ކާބޯތަކެތީގެ އިތުރުން އިފްތާރު ޕެކޭޖާއި ސުހޫރު ޕެކޭޖު (ހާރު ކެއުން) ދެވިފައިވެއެވެ. އަދި ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ހުރިހާ ސަރަހައްދުތަކަކަށް ވަނީ ބަހައިފައެވެ. މިދިޔަ އަހަރުވެސް އެއް މަސް ދުވަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖު އެތައް ހާސް ބަޔަކަށް ވަނީ ފޯރުކޮށްދީފައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.