ގދ. ރަތަފަންދޫ ހޯމު ކަރަންޓީނުގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އިއްޔެ ރަތަފަންދޫއަށް ގޮސް، ހޯމް ކަރަންޓީނުގައި ހުއްޓައި މިއަދު މެންދުރު މަރުވެފައިވަނީ އުމުރުން 67 އަހަރުގެ އަންހެނެކެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް 'ވަން' އަށް ވިދާޅުވީ، އެ މީހާއަކީ މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށާއި އަދި އެމީހުން އެ ރަށަށް ބަދަލުވެ ހޯމް ކަރަންޓީނަށް ގޮސްފައިވަނީ އިއްޔެ ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު މެންދުރު ނޭވާއަށް އުދަނގޫ ވުމަށްފަހު ކުއްލި ގޮތަކަށް ކަމަށް ހުނައިފް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިއްހީ ބޮޑު މައްސަލައެއް ހުންނަކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަތަފަންދޫގައި ހޯމް ކަރަންޓީނުގައި ހުއްޓައި ކުއްލި ގޮތަކަށް މަރުވި އަންހެން މީހާ ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު، މާލެއިން ކޮވިޑް ވެކްސިން ޖަހައިފަ އެވެ.

ދާއިމީ ބައްޔަކަށް ބޭސް ކާ އެ މީހާގެ މާ ބޮޑު ސިއްހީ މައްސަލަތަކެއް ނުހުންނަކަން ވަނީ އެނގިފަ އެވެ. އެހެން ނަމަވެސް އިއްޔެ ރަށަށް ދިއުމަށް ބޯޓުން ފޭބި ގަޑީގައި ފަޔަށް ތަދެއް އަރައިގެން މިއަދު އެކަމަށް ފަރުވާ ވެސް ހޯދި އެވެ.

އާންމު އުސޫލުގެ ދަށުން ކަރަންޓީނުގައި ހުއްޓައި މަރުވުމުން، ކޮވިޑަށް ޓެސްޓުކުރުމަށް އެ މީހާގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.