ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޖައްސިމް ބިން ސައިފް އަލް ސުލައިޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ޓްރާސްޕޯޓު ސެކްޓަރު އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެެއްވި އެވެ.

އެގޮތުން މަޝްވަރާ ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އުޅަނދުފަހަރު ރަޖިސްޓަރީ ކުރުން ޑިޖިޓަލައިޒްކޮށް، ސްޓޭންޑަޑައިޒް ކުރުމާއި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިތުރަށް ހަރުދަނާ ކުރުމަށް ދާއިރާގެ ފަންނުވެރިންނަށް ޓްރެއިނިން ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް އިންފްރާސްޓަރަކްޗާ ތަރައްގީކޮށް ލޭންޑު އެންޑް މެރިޓައިމް ރެގިއުލޭޝަނާ ގުޅޭ ފަންނީ ލަފާ ފޯރުކޮށްދިނުމާއި ބެހޭ މަޝްވަރާތައް ކޮށްފައިވެ އެވެ. އަދި މަޝްވަރާކުރެވުނު ކަންކަމާގުޅޭ އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.