ބިގްބޮސް14 އަށް ފަހު މީހުންދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމުގައި ރާކީ ސާވަންތު ބުނެފިއެވެ. ރާކީ މިހެން ބުނެފައިވަނީ ބިގްބޮސް14 އަށްފަހު ޓައިމްސް އޮފް އިންޑިއާގެ އެންޓަޓެއިންމަންޓް ނިއުސްއަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އޭނާވަނީ އަދިވެސް އެތައް ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މީގެ ކުރިން އޭނާއަށް ސަޕޯޓަރުންގެ ލޯބި ލިބުމުގެ ބަދަލުގައި ލިބިފައިވަނީ މަލާމާތާއި ފުރައްސާރަކަމަށާއި، އޭނާގެ ސިފައަށާއި އިނގިރޭސީން ވާހަކަދައްކަން ނޭނގުމުގެ ސަބަބުން ވެސް ފުރައްސާރަ ކުރާކަމަށް ރާކީ ބުނެފައި ވެއެވެ. ނަމަވެސް އެހުރިހާ ކަމަކަށްވެސް އޭނާ ކެތް ކުރިކަމަށާއި، ފޯކަސް ހުންނަނީ އަބަދުވެސް މަސައްކަތަށް ކަން އޭނާ ފާހަގަކުރިއެވެ. އަދި އެންމެފަހުން ބެލުންތެރިންގެ ލޯބިވެސް އޭނާއަށް ހާސިލު ކުރެވިއްޖެކަމުގައި އޭނާ އުފަލުން ހުރެ ފާހަގަކުރިއެވެ.

ރާކީ ބުނިގޮތުގައި ބިގްބޮސް14 އަށްފަހު މީޑިއާއިން އޭނާއަށް ސަމާލުކަން ދޭން ފަށާފައިވާ ކަމަށާއި، ފެނުނު ކޮންމެ ތާކުން މިހާރު އޭނާގެ ފޮޓޯ ނަގާ ކަމަށެވެ. އެހެންކަމުން އޭނާ އުޅޭ އުޅުމަށާއި ދައްކާ ވާހަކަތަކަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދޭކަމުގައި ރާކީ ބުނެފައިވެއެވެ. މިޝޯގެ ސަބަބުންނާއި ސަލްމާންގެ ސަބަބުން އޭނާއަށް ފިލްމީ ދާއިރާގެ މަސައްކަތްތައް ލިބެން ފަށާފައިވާ ކަމުގައި ރާކީ ފާހަގަކުރިއެވެ.

ސަލްމާންޚާން އޭނާއަށް އަބަދުވެސް ހިތްވަރުދޭ ކަމަށާއި، ރަނގަޅު ކަންކަމުގައި އެއްބާރުލުން ދީ އޭނާއަށް ގޯސްކޮށް ކުރެވޭ ކަންކަމާ ދެކޮޅަށް ނަސޭހަތްދޭ ބުނެފައިވެއެވެ. ސަލްމާންގެ އިތުރުން ސޮހެއިލް ހާންގެ އެހީތެރިކަން ވެސް ލިބޭކަމުގައި ރާކީ ފާހަގަކުރިއެވެ.

''ސަލްމާން އާއި ސޮހެއިލް އަހަންނަށް ވަރަށް ބޮޑަށް އެހީތެރިވެދިން. އަހަރެންނަށް ވެދޭ އެހީތެރިކަމުގެ ވާހަކަ މީޑިއާގައި ނުދެއްކުމަށް ބުނެފައިވޭ!" ރާކީ ފާހަގަކުރިއެވެ. މީގެ އިތުރުންވެސް ބިގްބޮސްގެ ބައިވެރިއެއް ކަމުގައިވާ ކަޝްމީރާ ޝާހް އޭނާއަށް އެހީތެރިކަން ދިނުމަށް އިސްނެގި ކަމަށާއި މިހުރިހާ ކަމަކަށް އޭނާ ޝުކުރުވެރިވާ ކަމަށް ރާކީ ވަނީ ބުނެފައެވެ.

ރާކީ މިއިންޑަސްޓްރީއަށް ނުކުތުމާ އޭނާގެ ބައްޕައާއި ބޮޑުބޭބެ ވަރަށް ދެކޮޅުކަމުގައި ބުނެފައި ވެއެވެ. ''އަހަރެންގެ ބައްޕަ އާއި ބޮޑުބޭބެ މިކަމާ ވަރަށް ދެކޮޅު! އަހަރެން ނެށުމަށް ފޯރިހުންނާތީ އަނިޔާކުރި. އަހަރެންގެ މަސައްކަތް ހުއްޓާލާތޯ އެތައް ފަހަރަކު އަނިޔާކުރި. އެހުރިހާ ކަމަކާ ދެކޮޅަށް ނުކުމެ އަހަރެން މިހާ ހިސާބަށް އައީ!'' ރާކީ އަސަރާއެކު އޭނާގެ ކެރިއަރުގައި މި ހިސާބަށް އައިގޮތް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ބިގްބޮސް14 ޝޯ އަށްފަހު ގިނަ ތަރިން ބޭނުން ވާނީ ޗުއްޓީއަކަށް ދިއުމަށް ކަމަށާއި ނަމަވެސް ބިގްބޮސް14 އިން ނުކުތުމާއެކު ކުރިމަތިލާން ޖެހުނީ މާ ހިތްދަތި ކަމަކާ ކަން އޭނާ ފާހަގަކުރިއެވެ.

އޭނާގެ މަންމަގެ ބަލި ހާލަތު ވަނީ ވަރަށްބޮޑަށް ގޯސްވެފައިކަން އެނގުނީ މަންމަ ފެނުމުން ކަމަށް ރާކީ ބުނެއެވެ.

''އަހަރެންގެ މަންމަގެ ހާލަތު ފެނިފަ އަހަރެން ހުއްޓުން އެރި! އަހަރެންގެ މަންމަ އަކީ އަބަދުވެސް ވަރަށް ރީތިކޮށް ހުންނަން ސަމާލުކަންދޭ މީހެއް. އެކަމަކު އަހަންނަށް މަންމަ ފެނުނުއިރު މަންމަ ވަނީ ވަރަށްބޮޑަށް ހިކިފަ، ބޮލުން އިސްތަށި ފައިބާފަ!'' (ރޮމުން ރޮމުން ރާކީ އިންޓަވިއުގައި ބުނެއެވެ.)

''މަންމަ ދަނީ ކީމޯތެރަޕީ ނަގަމުން. މަންމައަކީ އަހަންނަށް އާއިލާއިން ހިތްވަރުދިން ހަމައެކަނި މީހާ. ހަމައެކަނި ގުޖުރާތީ ފިލްމުތަކުގައި އެކްޓުކުރުމުގެ ބަދަލުގައި ދާއިރާގައި ކުރިއަރައި ދިއުމަށް ނަސޭހަތްދީ ފަހަތުގައި އަބަދުވެސް ހުންނާނެކަމުގައި މަންމަ ބުނި! މަންމަ އަހަންނަށް ޓަކައި ވީ ގުރުބާނީގެ އަގު އަދާކޮށް ދުވަހަކުވެސް ނުނިމޭނެ! އަހަރެން މުޅި ހަޔާތް މަންމައަށް ޓަކައި ގުރުބާން ކުރި ނަމަވެސް އެއީ ވާނެ ކަމެއް ނޫން!'' ރާކީ އިންޓަވިއުގައި ބުނެފައިވެއެވެ. ރާކީގެ ހުރިހާ ވަގުތެއް މިހާރު މަންމަ ބެލެހެއްޓުމަށް ހުސްކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

ކޮވިޑާ ގުޅިގެން ލޮކްޑައުނަށް ދިޔަ ހިސާބުން ރާކީގެ އަތްމަތި ދަތިވެފައިވާކަމުގައި އޭނާ ހާމަކޮށް، ސަލްމާން އަދި ސޮހެއިލް ހާން، ހޮސްޕިޓަލުގެ ހަރަދުތައް ބަލަހައްޓައިދިން ކަމުގައިވެސް ބުނެފައި ވެއެވެ.

''އަހަރެންގެ މަންމައަކީ 72އަހަރުގެ މީހެއް! އަދި ލޮކްޑައުންގައި މަންމަ އެވަނީ ބޮޑު ސާޖަރީއެއް ކޮށްފަ. 9 ގަޑިއިރުގެ އޮޕަރޭޝަނެއް މަންމަ ކުރަން ޖެހުނު. ބިގްބޮސް14 ގޭގައި ހުރެގެން އަހަންނަށް މަންމައާ ވީޑިއޯކޯލެއް ކުރަން ފުރުސަތު ލިބުނު، އަހަންނަށް އެނގުނީ މަންމަ އުޅެނީ ބަލިވެކަން. އެކަމަކު މަންމައަށް ވަނީ ބަނޑުގެ ކެންސަރު ޖެހިފައިކަން އެނގުނީ ޝޯ ނިމުނު ފަހުން. އެހެންވެ އަހަރެން އުފާކުރަން އަހަންނަށް ފައިސާ ހިޔާރުކޮށް ޝޯއިން ވަކިވާން ނިންމުނީތީ!'' ރާކީ ބުނެފައި ވެއެވެ.

ރާކީ ފާހަގަކުރިގޮތުގައި އޭނާ ބިގްބޮސް14 ގެ ޝޫޓިން ތެރޭގައި ކުރި އެއްވެސް ކަމަކާ މެދު ދެރައެއް ނުވެއެވެ. އޭނާ ޝޯއަށް ދިޔައީ ރަހުމަތްތެރިކަން އުފައްދަން ނޫން ކަމަށާއި، ޝޯއަށް އޭނާއަށް ދައުވަތު ލިބުނީ ބެލުންތެރިން ޝައުގުވެރިކުރުވަން ކަމުން، ގޭތެރޭގައި އޭނާކުރި ކަމަކީ އެއީ ކަމަށެވެ.

''އަހަރެން ބިގްބޮސް ގެއަށް ވަނުމުގެ ކުރިންވެސް ރުބީނާއާ އަބިނާވް ގެ ގުޅުން ވަނީ ހީނަރުވެފަ. އެމީހުން ވަނީ ވަރިވުމާ ކައިރީގަ. އެކަމު އަހަރެން ގެއަށް ވަދެ ކުރި މަސައްކަތުގެ ސަބަބުން އެ ދެމީހުންގެ ގުޅުން އެވަނީ ރަނގަޅުވެފަ. އަހަރެން ވަރަށް ސާފުކޮށް އެމީހުންނަށް އަހަރެންގެ މަގުސަދު ބުނެދިނިން. އަދި އެމީހުންވެސް އެކަމަށް އެއްބަސްވި، އަހަރެން ގެންގުޅުނު ޕްލޭނަކީ އެދެމީހުން ކައިރިކުރުން. އަދި އެކަން ކާމިޔާބު ކުރެވުނު.!'' ރާކީ ބުނެފައިވެއެވެ.

ނަމަވެސް އެކަމުގެ ސަބަބުން އޭނާ މިވަނީ ގޯސްވެފައި ކަމަށާއި، ރުބީނާ އޭނާއާ ދޭތެރޭ ކަންތައްތައް ކުރިގޮތުގެ ބަދަލު ހިފުނީސް ކަމަށާއި، ނަމަވެސް އެހުރިހާ ކަމެއް ދޫކޮށްލީ ބެލުންތެރިން އިންސާފު ކުރުމަށް ކަން ރާކީ ފާހަގަކޮށްފައި ވެއެވެ.

ބިގްބޮސްއަށްފަހު ޝޯގެ ކާމިޔާބީ ފާހަގަކުރަން ރުބީނާ ބޭއްވި އެއްވެސް ޕާޓީއަކަށް ރާކީއަށް ދައުވަތު ނުލިބޭކަން ފާހަގަކުރިއެވެ. ''ޝޯއިން ވަކިވެގެން ދިޔައީ އެކަކު އަނެކަކު ކިބައިން މާފުކޮށް ގޭތެރޭގައި ހިނގައިދިޔަ ކަންކަން އެހިސާބުން ހަނދާން ނައްތާލައި ކުރިއަށް ދިއުމަށް ނިންމައިގެން. ޝޯއަށްފަހުވެސް ރުބީނާއަށް ވަރަށް ގިނައިން މެސެޖްކުރިން. އެކަމަކުވެސް އޭނާ ގޭގެ އެހެން ބައިވެރިންނާއެކީ ޕާޓީތައް ބާއްވާ ބައްދަލުކޮށްހެދީ އަހަންނަށް ދައުވަތު ނުދީ!" އިންޓަވިއުގައި ރާކީ ބުނެފައިވެއެވެ.