ފަތުރުވެރުންނާއެކު ކުރިއަށް ގެންދާ އެކްސްކާޝަން ދަތުރުތަކުގައި މިޔަރަށް ކާން ދިނުމަކީ މަނާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފަތުރުވެރިންނަށް ހިދުމަތް ދޭ ހުރިހާ ތަންތަނަކަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ފަތުރުވެރިންނަށް ހިންގާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށާއި ބަޔޯޑައިވަސިޓީއަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވެސް އެދިފައިވެ އެވެ.

އެގޮތުން ފަތުރުވެރިން ގޮވައިގެން މިޔަރު ބެލުމަށް ކުރާ ދަތުރުތަކުގައި މިޔަރަށް ކާން ދިނުމަކީ މަނާ ކަމެއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެގޮތަށް އަންގާފައި މިވަނީ އެކްސްކާޝަންތަކުގައި މިޔަރަށް ކާން ދޭން އުޅުމުގެ ތެރޭގައި ބައެއް ފަތުރުވެރިންނަށް އެ މިޔަރުތައް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ކުރެވެމުންދާ ދުވަސްކޮޅެއްގަ އެވެ.