މިފަހުން ދުނިޔޭގެ ކަޅި އަމާޒުވެގެން ގޮސްފައިވަނީ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި އަންހެނުން މެގަން މާކެލް އާއެކު ކުރިއަށް ގެންދިޔަ އޮޕްރާ ވިންފްރީގެ އިންޓަވިއުއަށެވެ.
މި އާޓިކަލުގައި މި ބަލައިލަނީ މި އިންޓަވިއުއިން ފާހަގަވި މުހިންމު ބައެއް ކަންކަމުގެ މައްޗަށެވެ.
މޭގަން އިންޓަވިއުގައި ވިދާޅުވިގޮތުގައި އަމިއްލައަށް މަރުވުމުގެ ހިޔާލުތަކެއް ބޮލުތެރޭގައި ވަރަށް ބޮޑަށް އެނބުރެމުންދިޔައެވެ. އަދި މިވާހަކަ ހެރީއާ ފުރަތަމަ ހިއްސާކުރައްވަން ފަސްޖެހިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހިއްސާ ނުކުރައްވައިފި ނަމަ އަމިއްލައަށް މަރުވާން މަސައްކަތް ކުރެއްވިދާނެ ކަން ވަރަށް ބޮޑަށް ގަބޫލުފުޅުކުރެވި ހެރީއާ އެވާހަކަ ހިއްސާކުރެއްވި ކަމަށް ވިދާޅުވި އެވެ. ހެރީގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިގެން، މޭގަން އިންސްޓިޓިއުޓަށް ވަޑައިގެންނެވި ކަމަށާއި އެތަނަށް ވަޑައިގެން މިކަމަށް އެހީ ހޯއްދެވުމަށް އެހެން ތަނަކަށް ވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިގަތުމުން އެކަމަށް އިންކާރު ކުރައްވާފައި ވާކަން މިއިންޓަވިއުއިން އެނގެ އެވެ. މޭގަން ވިދާޅުވި ގޮތުގައި އޭނާއަށް މިކަމުގައި ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާގެ ގާތް އެކުވެރިއެއްގެ އެހީތެރިކަން ވެސް ލިބިވަޑައިގެންނެވި އެވެ. މިވާހަކަ ހިއްސާކުރައްވަނީ، މިކަހަލަ ކަންކަމުގައި އެހީތެރިކަން ބޭނުންވާކަން ފާޅުކުރުމަށް ގިނަ މީހުން ބިރުގަންނަކަން އެނގިވަޑައިގަންނަވާތީ ކަމަށާއި އަދި އެހީ ބޭނުންވާކަން ހާމަކުރުމަށްފަހު އެކަމުގެ ޖަވާބަކަށް ނޫނެކޭ ބުނުމަކީ ކިހާ ހިތްދަތިކަމެއް ކަން އޭނާއަށް އިހްސާސްކުރެއްވޭތީ ކަމަށް ވެސް މޭގަން ވިދާޅުވި އެވެ.
އިންޓަވިއުގައި މޭގަން ވިދާޅުވި ގޮތުގައި އޭނާ ''އާޗީ''އަށް އާލާސްކަންފުޅާ އިންނެވި ހިސާބުން، ޝާހީ އާއިލާގެ ތެރޭގައި ތަފާތު ކަންކަމާ މެދު ބަހުސްކުރެވިގެން ގޮސްފައި ވެއެވެ. އެގޮތުން، އާޗީއަށް ސެކިއުރިޓީ ލިބިވަޑައިގަތުމާއި، ޝާހީ މަގާމެއް ލިބިވަޑައިގަތުމާ ދޭތެރޭ ބަހުސް ކުރެވުނު ކަމަށާއި މީގެ އިތުރުން ލިބިވަޑައިގަންނަވަން އުޅުއްވާ ބޭފުޅެއްގެ ހަމުގެ ކުލައާ މެދުވެސް ބަހުސް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މޭގަން މާކެލްގެ މަންމަ އަކީ ކަޅު ނަސްލުގެ ބޭފުޅެކެވެ.
މި ފަހަރު ލިބިވަޑައިގަންނަވާން އުޅުއްވަނީ އަންހެން ބޭފުޅެއް ކަމުގައި މޭގަންގެ އިންޓަވިއުގައި ވިދާޅުވި އެވެ. އާއިލާ މިހާރު ފުރިހަމަ ވެފައިވާ ކަމަށާއި، ކޮންމެ ކަހަލަ ކުއްޖެއް ލިބިވަޑައިގަތަސް ވެސް އެއީ އުފާވެރި ކަމެއް ކަމަށާއި ނަމަވެސް ފިރިހެން ކުއްޖަކަށްފަހު އަންހެން ކުއްޖެއް ލިބިވަޑައިގަންނަވާން އުޅޭކަން އެނގިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާފުޅުވި ކަމަށް ވިދާޅުވިއެވެ.
ޝާހީ އާއިލާއިން މާލީ ގޮތުން ދޭ އެހީތެރިކަން ދިނުން 2020 ވަނަ އަހަރުގެ ފުރަތަމަކޮޅު ހުއްޓާލި ކަމަށާއި، ނަމަވެސް ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާގެ ފަރާތްޕުޅުން ހެރީއަށް ވާރުތަ ވި މާލީ އެހީތެރިކަން ލިބިވަޑައިގަންނަވަމުން އައި ކަން ހެރީ ފާހަގަކުރެއްވި އެވެ. އެހެންކަމުން، މަންމަ ދުނިޔޭގައި ހުންނެވި ނަމަ ޝާހީ އާއިލާއާ ދުރަށް ވަޑައިގަތުމާ މެދު މަންމަ ދެކިވަޑައިގަންނަވާނެ ގޮތެއް ކަމަށް ހީފުޅުވާ ގޮތަކީ ކޮބައިތޯ އޯޕްރާ ސުވާލު ދެންނެވުމުން ހެރީ ވިދާޅުވީ މިގޮތަށް ވެދާނެކަން މަންމައަށް އަންދާޒާ ކުރެއްވިފައިވާހެން ހީފުޅުވާ ކަމަށެވެ. މިހުރިހާ ކަމެއްގެ ތެރޭގައިވެސް މަންމަގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާ ކަމުގެ އިހުސާސްކުރެއްވުނުކަން ހެރީ ފާހަގަކުރެއްވިއެވެ.
މިހުރިހާ ކަމެއް ވެ ނިމިދިޔައީތީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މިގޮތަށް މިނިވަންކަމާއެކު އަންހެނުން ކައިރީގައި ހުންނަވައިގެން ވާހަކަފުޅުދެއްކެވޭތީ އުފާފުޅު ކުރައްވާ ކަމުގައިވެސް ހެރީ ވިދާޅުވެ އެވެ. އެހެނީ، މޭގަންއަށް މިހުރިހާ ކަމެއްގެ ތެރޭގައި ދިމާވެވަޑައިގެންނެވި ދަތިކަންތައްތައް އިހުސާސް ވެސް ނުކުރެއްވޭ ކަމަށާއި، ނިމިގެން ދިޔަ ދުވަސްތަކަކީ ދެ ބޭފުޅުންނަށްވެސް ދަތިފުޅު ދުވަސްތަކެއް ކަމަށާއި، ނަމަވެސް މިކަމުގައި އެކުގައި ތިއްބެވުނީތީ އުފާފުޅުކުރައްވާކަމަށް ހެރީ ވިދާޅުވި އެވެ.
މޭގަން ވިދާޅުވި ގޮތުގައި، މޭގަންގެ ކައިވެނީގެ ކަންކަން ރާއްވަވަމުން ގެންދެވި އިރު ކައިވެނީގެ ހަފުލާގައި ބްރައިޑްސްމެއިޑްސް ހެދުމާމެދު ޕްރިންސެސް ކޭޓް ހިތްޕުޅުހަމަޖެހިވަޑައެއް ނުގެންނެވި އެވެ. ކޭޓްގެ ދަރިކަލުން (ޕްރިންސް ހެރީއަށް ބޮޑުބޭބެ ކިޔާ ޕްރިންސެސް ޝާލެޓް) އަކީ މިކައިވެނީގެ ބްރައިޑްސްމެއިޑްއެކެވެ. އެހެންވުމުން މޭގަން ދެރަފުޅުވެ ކީރިތިކުރެއްވި ކަމަށާއި، ނަމަވެސް ފަހުން ކޭޓް ވަނީ މާބޮނޑިއަކާއި ނޯޓަކާ އެކު މޭގަންގެ އަރިހުން މާފަށް އެދިވަޑައިގެންފައި ކަމަށް ވިދާޅުވި އެވެ. މޭގަންވެސް އޭނާއަށް މާފުކުރެއްވި ކަމަށް ވިދާޅުވެ އެވެ. ނަމަވެސް މޭގަންއަށް އުނދަގޫވެވަޑައިގެންނެވި ކަމަކީ އޭނާ ނުކުރައްވާ ކަމެއްގެ އިލްޒާމު އިސްތަށިފުޅުގައި އެޅުއްވުމެވެ. ކޭޓް އަކީ ރަނގަޅު ބޭފުޅެއް ކަމަށާއި، މީހުން ކޭޓްދެކެ ލޯބިވާކަމުގައި ވަނީ ނަމަ، މޭގަން ދެކެ ރުޅިއަންނަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމުގައި މޭގަން ވިދާޅުވެއެވެ. މިވާހަކަ މީގެ ކުރިން މީޑިއާއަށް ތިލަވެފައި ވަނީ، ބްރައިޑްސްމެއިޑް ހެދުން ކަންތަކުގައި މޭގަން ހިތްޕުޅުހަމަޖެހިވަޑައިގެން ނުގެން ޕްރިންސެސް ކޭޓް ރޮއްވާލި ކަމުގައެވެ.
މީގެ އިތުރުން ވެސް ފާހަގަކޮށްލެވޭ އެތައް ވާހަކަތަކެއް މި އިންޓަވިއުން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. މިލިޔުމުގައި ފާހަގަކޮށްލެވިފައި ވަނީ މިތަނުން ބައެއް ކަންކަމެވެ. އޮޕްރާގެ މި އިންޓަވިއު ވަނީ މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފައެވެ. އަދި މިއިންޓަވިއުގެ ސަބަބުން ޝާހީ އާއިލާ އާއި ޕްރިންސް ހެރީ އާއި މޭގަން އާ ދެމެދު އާއްމުން ދެކޭ ގޮތާ މެދުވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތު ވެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް