ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓި ފައި ޗަސް ވެގެން ބުރި ކޮށްލަން ޖެހުނު އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް މަސްނުވީ ފައެއް ޖެހުމަށް އާސަންދައިން އެހީވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ފިރުޝާންގެ ކަނާއަތު ފައިގެ ކަކުލު ހުޅާ ހަމައިން ވަނީ ބުރިކޮށްލައިފަ އެވެ.
ފިރުޝާނާއި އޭނާގެ އާއިލާގެ ފަރާތުން މަސްނުވީ ފައެއް ޖެހުމަށް ބޭނުންވެފައި ހުރި ނަމަވެސް އަދި މިހާތަނަށް އާސަންދައިގައި އެކަމަށް އެދިފައި ނުވާ ކަމަށް އެ ކުންފުނިން މިރޭ ވަނީ ބުނެފަ އެވެ.
"އެންސްޕާއަށް އެހީއަށް އެޕްލައި ކުރުމުން އާސަންދަ މެދުވެރިކޮށް މި ހަރަދުތައް (ފައެއް ޖެހުމަށް) ކަވަރު ކުރާނެ ވާހަކަ ދަންނަވަން،" އާސަންދައިން މިރޭ ކުރި ޓުވީޓެއްގައި ވަނީ ބުނެފަ އެވެ.
އާސަންދައިން ބުނީ، އެ ހާދިސާ ހިނގުމުން އެމަޖެންސީގައި ފްލައިޓެއް ޗާޓަރުކޮށްގެން ފިރުޝާން މާލެ ގެނެސް، އާސަންދަ އާއި އެންސްޕާ ގުޅިގެން އައިޖީއެމްއެޗާއި އޭޑީކޭއިން ކުރި ފަރުވާގެ ހަރަދުތައް ހަމަޖައްސާދީފައިވާނެ ކަމަށެވެ.
ގައްދޫ ކައުންސިލް މެންބަރު އާމިރު އަބްދުﷲ މީގެ ކުރިން "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެރަށް ކުރިމަތީގައި އޮންނަ "ލޮނަދޫ ހުއްޓާ"އަށް އެހެން ކުދި ބަޔަކާއެކު ފިރުޝާން ދަތުރު ގޮސް ހުއްޓައި ކަމަށެވެ.
މީގެ 12 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައި މިރަށަށް ދަތުރު ގޮސް އުޅެނިކޮށް މި ހާދިސާ ހިނގީ، އަރި އަޅާލާފައި ހުރި ބިއްގަނޑެއް ވައްޓާލުމަށް ތަނބެއް ހަލާކުކޮށްލަން އުޅުމުގެ ތެރޭގައި ކަމަށް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު