''އެހެނަސް'' ގެ ތަރި މުހައްމަދު ވިޝާލް (ރޯމަން) ނުވަތަ ޓިކްޓޮކްގައި މަޝްހޫރު ނަމުންނަމަ ރޯމްސް ވަނީ، ފިލްމީދާއިރާއާ ދުރަށް ގޮސްފައިވާ މަރިޔަމް ނިޝާ އާއެކު ކުޅެފައިވާ ޓިކްޓޮކެއް ބެލުންތެރިންނަށް ދޫކޮށްލައިފައެވެ. ނިޝާގެ މި ފެނިލުމަކީ އޭނާއަށް ސަޕޯޓްކުރާ އަދި ނިޝާގެ އެނބުރި އައުމަށް އިންތިޒާރުކުރާ އެތައް ބަޔަކަށް ލިބުނު އުފާވެރި ފެނިލުމެކެވެ. ދާދިފަހުން ނިޝާ ވަނީ ފިލްމީ ދާއިރާއަށް އެނބުރި އަންނަން އުޅޭކަމުގެ އިޝާރާތެއް ކޮށްފައެވެ.

ރޯމްސްއާއެކު ކުޅެފައިވާ ޓިކްޓޮކަށް މިހާތަނަށް 44،000 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިގެން ގޮސްފައެވެ.

https://www.tiktok.com/@roamsss/video/6938696151008873729?is_copy_url=0

މަރިޔަމް ނިޝާގެ އިތުރުން ރޯމްސް ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައިވާ އައިޝަތު ޝިރާނީއާއެކު ވެސް ރީތި ޓިކްޓޮކެއް ދައްކައިދީފައެވެ. 90ގެ އަހަރުތަކުން ފެށިގެން ނިޝާ އާއި ޝިރާނީ ގިނަބައެއްގެ މަގުބޫލުކަން ހޯދި ނަމަވެސް، އެ ދެތަރިންނަކީ ކުއްލިގޮތަކަށް ފިލްމީ ދާއިރާއާ ދުރަށްދިޔަ ދެ ތަރިންނެވެ.

މީގެ ކުރިން ޓީވީ ޗެނަލަކަށް ޝިރާނީ ދީފައިވާ އިންޓަވިއުއެއްގައި ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ނުވިސްނާ ކަމަށް ވަނީ ބުނެފައެވެ. ޝިރާނީއާއެކު ރޯމްސް ކުޅެފައިވާ ޓިކްޓޮކަށް މިހާތަނަށް 26،000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

https://www.tiktok.com/@roamsss/video/6938696437668662529?is_copy_url=0

މަރިޔަމް ނިޝާ އާއި ޝިރާނީގެ އިތުރުން ދެން ރޯމްސް ފެނިގެން ގޮސްފައިވަނީ މަޝްހޫރު ތަރި ނިއުމާ މުހައްމަދާއެކު ކުޅެފައިވާ ޓިކްޓޮކުންނެވެ. ނިއުމާ މުހައްމަދަކީ އެތަކެއް ދިވެހިންގެ ލޯބި ހޯދާފައިވާ، މި ދާއިރާގައި މެދުކެނޑުމެއް ނެތި 20 އަހަރު ހޭދަކުރުމަށްފަހު، ރަސްމީކޮށް މި ދާއިރާއިން ރިޓަޔާކޮށްފައިވާ ފަންނާނެކެވެ.

ކެމެރާގެ ކުރިމަތިން ނުފެނުނު ކަމުގައިވީ ނަމަވެސް، ކެމެރާގެ ފުރަގަހުން އޭނާގެ މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ނިއުމާ ވަނީ ދީފައެވެ. ނިއުމާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އިންނެވެ. ނިއުމާއާއެކު ރޯމްސް ކުޅުނު ޓިކްޓޮކަށް މިހާތަނަށް 22،000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

https://www.tiktok.com/@roamsss/video/6938690846036348161?is_copy_url=0

ރޯމްސްގެ ޓިކްޓޮކަށް ދޫކޮށްލި، ގެއްލިފައިވާ މި ތިން ތަރިންގެ ޓިކްޓޮކްތަކަށް އަންނަނީ އެތަކެއް ތައުރީފެއް އޮހެމުންނެވެ.

ރޯމްސް ނުވަތަ ރޯމަން އަކީ ބައިސްކޯފްގެ ސިލްސިލާ ޑްރާމާ ''އެހެނަސް'' އިން ފިލްމީ ދާއިރާއަށް ނުކުމެ ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން ތަރިއެކެވެ.