ނ. ޅޮހިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށު ކައުންސިލުގެ ނައިބު ރައީސާ ފާތިމަތު ނައީމާ މިރޭ "ވަން" އަށް ވިދާޅުވީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުން ޕޮޒިޓިވް ވެފައިވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ކަމަށެވެ.

ނަމަވެސް އެ ތިން މީހުންނާ ކޮންޓެކްޓުވި އިތުރު ބައެއްގެ ސާމްޕަލް ނެގުމުން އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ނައީމާ ވިދާޅުވީ، އެ ތިން މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކަމަށެވެ.

"އިއްޔެ ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާއާ ބައްދަލުކުރަން ކަރަންޓީން އުސޫލާ ހިލާފަށް ދިޔަ ތިން މީހުން މިއަދު ޕޮޒިޓިވްވެފައި ވަނީ،" ނައީމާ ވިދާޅުވިއެވެ.

ނައީމާ އިތުރަށް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓުން ހަ ގެއެއްގައި ތިބި އިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.