މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފިނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހާ މުސްލިމުން މަސައްކަތް ކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"އިސްރާއާއި މިއުރާޖުގެ ޒިކުރާ އާއި މަސްޖިދުލް އަގްސާގެ ދިފާއުގައި" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްރާއާއި މިއުރާޖުގެ މަތިވެރި ހާދިސާއަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މަތިވެރި މުއުޖިޒާތެއް ކަމަށާއި މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނެއް ކަމަށެވެ.
އަދި އެ މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް الله މި އުއްމަތަށް ދެއްވި އެންމެ ބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށާއި މަތިވެރިވެގެންވާ އެ ހާދިސާގެ ތެރޭގައި ކީރިތި ރަސޫލާގެ މައްޗަށާއި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަހުންކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމުވެ ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން އިސްލާމް ދީނުގެ މި ރުކުނުގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެންދާ ކަމަށާއި އަދި އެހެން ފަރާތެއް މެދުވެރި ނުކުރައްވައި, ސީދާ މާތް الله މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން, އެ ފަރީޟާގެ މަތިވެރިކަން އެނގޭ ކަމަށެވެ.
ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބުކަމަށާއި އެއީ އީމާންކަން މިނެދޭ މިންގަނޑެއްކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ، މަހުޝަރުގެ ބިމުގައި އެންމެ ފުރަތަމަ ހިސާބު ބެލެވޭނީ ނަމާދާ ބެހޭގޮތުން ކަމަށާއި އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި, އެންމެ ފަހުން ކުރެއްވި ވަސިއްޔަތަކީ ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަސިއްޔަތް ކަމަށެވެ.
ހުތުބާގައި ބުނީ, މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށާއި އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން ހަރަމްފުޅުގެ ތެރެއިން އެއް ހަރަމްފުޅު ކަމަށެވެ. އަދި އެއީ ކީރިތި ރަސޫލާ އިސްރާ ކުރެއްވި ބަރަކާތްތެރި ބިމަށްވާއިރު އެއީ ދިގު ދަތުރުކޮށް ބުރަ އުފުލައިގެން ވިޔަސް, ޒިޔާރަތް ކުރުމަށް ބާރުއެޅުއްވިގެންވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށް ބުންޏެވެ.
އަދި މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްތީނުގެ މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި, މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފިނަމަ އެ ބިމުގެ އަހުލުވެރިންނާ އެއްބައިވެ, އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހުންގެ ކެކުޅުންތަކަށާއި ގިސްލުންތަކަށާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު