ކޮވިޑް 19 އާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީއަށް ބޭނުންވެގެން 4128 މެޑިކަލް އޮކްސިޖަން ސިލިންޑަރު ގެންނަން މޯލްޑިވް ގޭހާ ހަވާލު ކުރި މަސައްކަތުގެ ތެރެއިން ރާއްޖެ ގެނެސްފައިވަނީ ބާ ފުޅިތަކެއް ކަމަށް، އެ ފުޅިތައް އައި ހިސާބުން، އެ ކުންފުނީން އޭރު ހިންގެވުމާ ހަވާލުވެ ހުންނެވި އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އަލީ އިކުރާމްއަށް އަންގާފައިވާނެ ކަމަށް އެކުންފުނީގެ އޭރުގެ ޕްރޮކިއުމެންޓް މެނޭޖަރު އަހުމަދު ސޫދު ފާރޫގު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މޯލްޑިވް ގޭސްގެ ކޮރަޕްޝަން މައްސަލަ ބަލަމުންގެންދަނީ އެސްއޯއީ ކޮމިޓީންނެވެ.
އެ ކޮމިޓީން މީގެ ކުރިން ބުނެފައިވަނީ، އޮކްސިޖަން ސިލިންޑަރު ގެންނަން އެކުންފުނިން ހިންގި ކަންތައްތަކުގައި 16 މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ސޫދު ވިދާޅުވީ، އެ ސިލިންޑަރުތައް ރާއްޖެ އައިސް ބޯޓުގައި ހުއްޓައި އެ ވާހަކަ ޑީއެމްޑީއަށް ރިޕޯޓް ކުރި ކަމަށެވެ. އޭގެ އިތުރުން އެކަމާ ބެހޭގޮތުން އެތަކެތި ފޮނުވި ބޭރުގެ ކުންފުންޏަށްވެސް އެކަން އަންގައި އެކަމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންވާކަން ވެސް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ސޫދު ވިދާޅުވީ، އެއީ ބާތަކެތި ކަމަށްވިޔަސް އެތަކެތި އެންޑީއެމްއޭ އިން ބޭނުންކުރާނެ ކަމަށް ޑީއެމްޑީ ވިދާޅުވި ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ޑީއެމްޑީއަށް އެންގުމަކީ އޭނާގެ މަސްއޫލިއްޔަތުކަމުން އެކަން އަދާކުރެއްވި ކަމަށެވެ. އަދި ލީގަލް ޓީމާ ވާހަކަދައްކައިގެން އެކަންތައް ކުރުމަކީ އެފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްކަމުން އެތަނުގެ ލީގަލް ކަންތައް ބަލަހައްޓަނީ އެސްޓީއޯގެ ލީގަލް ޓީމުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ސޫދު ވިދާޅުވީ، ލީގަލް ޓީމާވެސް ވާހަކަދެއްކެނީ ހަމައެކަނި ކޮމްޕެނީ ސެކްރެޓަރީ މެދުވެރިކޮށް ކަމަށެވެ.
ބާ ސިލިންޑަރުތަކެއް ގެނައުމުގެ އިތުރުން ސިލިންޑަރު ގެންނަން ޕްރޮޖެކްޓް ހަވާލު ކުރި ސިންގަޕޫރު ކުންފުނީގެ ޑިރެކްޓަރެއްގެ ހަރަދުގައި ސިންގަޕޫރަށް ދިޔަކަމުގެ ތުހުމަތުވެސް ކޮމިޓީން އެ ކުންފުނީގެ ޑީއެމްޑީގެ މައްޗަށް ވަނީ ކޮށްފައެވެ.
އެ މައްސަލައާ ބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރައްވަމުން އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، 4128 އޮކްސިޖަން ސިލިންޑަރު ހޯދަން މޯލްޑިވް ގޭސްއާ ހަވާލު ކުރުމުން، ބޭރުގެ ހަ ކުންފުންޏަކަށް ކޯޓޭޝަން ފޮނުވަން ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.
އެކަމަށް ހުޅުވާލި މުއްދަތުގައި އެކަން ކޮށްދިނުމަށް ހުށަހެޅީ އެންމެ ކުންފުންޏަކުން ކަމަށާއި މުއްދަތު ހަމަވުމަށްފަހު އިތުރު ކުންފުންޏަކުން އެކަމަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ފުރަތަމަ ކުރިމަތިލި ފަރާތާ ހަވާލުކޮށްގެން 1000 ފުޅި އެކުންފުނިން ގެނައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް އިތުރަށް ބޭނުންވާ 3128 އޮކްސިޖަން ފުޅި ގެނައުމުގައި އެކުންފުނިން ރިކުއެސްޓް ފޮނުވުމުގައި 1000 އޮކްސިޖަން ފުޅި ގެނައި ކުންފުންޏަށާއި އެފަހަރު މުއްދަތު ހަމަވި ފަހުން ކުރިމަތިލި ކުންފުންޏަށް ރިކުއެސްޓް ނުފޮނުވާ ކަމަށްވެސް އިލިޔާސް ލަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި 3128 އޮކްސިޖަން ސިލިންޑަރު ގެންނަން ސިންގަޕޫރުގެ ޕްރޯބިޒްއާ ހަވާލު ކުރި ކަމަށެވެ. އަދި ފުރަތަމަ ކުންފުނިން މާލެއާ ހަމައަށް 1000 ފުޅި ގެނައުމަށް ފުޅިއަކަށް 253 ޑޮލަރު ހަރަދު ކޮށްފައިވާ އިރު، ފަހުން ހަވާލުކުރި ކުންފުނިން ގެނައި ފުޅިތަކަށް ޖެހެނީ ފުޅިއަކަށް 224 ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިން ގެނެސްފައިވަނީ ބާ ފުޅިތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ، 3128 އޮކްސިޖަން ފުޅި ގެނައުމުގެ ޕްރޮޖެކްޓް ޕްރޯބިޒް ކުންފުންޏާ ހަވާލުކޮށްފައި ވަނީ، ޑީއެމްޑީގެ މެއިލްއަކުން އެންގި އެންގުމަކުންކަން އެނގެން އޮންނަ ކަމަށެވެ.
މީގެ އިތުރުން ޕްރޯބިޒް ކުންފުނީގެ ޝެއާ ހޯލްޑަރެއް، އަދި ޑިރެކްޓަރެއްގެ މަގާމުގައި ހުރި ދިވެއްސެއްގެ ހަރަދުގައި މީހަކު ގޮވައިގެން ޑީއެމްޑީ ސިންގަޕޫރަށް ދަތުރު ކޮށްފައިވާ ކަމަށާއި އެކަމާބެހޭ ތަފްސީލުތައް ރާއްޖެއިންނާއި ސިންގަޕޫރުން ކަށަވަރުކޮށްފައިވާ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު