ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ މައްސަލަތައް ބަލައި، އިސްލާހު ކުރަން ފުރުސަތު ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ބިޑިން ޕްރޮސެސްގައި ހުރި މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދަމުން އަންނަ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންއާ ގުޅޭ ގޮތުން ހުށަހެޅުނު ވަރަށް ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހުގައި ރިޕޯޓެއް ފޮނުވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރިޕޯޓުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަނީ އެ ރިޕޯޓުގައި (އޭސީސީގެ ރިޕޯޓުގައި) ހުރި ކަންތައް ބަލާފައި އެކަންތައް އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެބަދަލުތައް ގެންނަމުން. އަޅުގަނޑު ދޭނަން އެއަށް ވަގުތު. އަޅުގަނޑު ބުނާނަން ވަކި މުއްދަތެއްގެ ތެރޭގައި މީގަ މި ބުނެފައި ހުރި ކަންތައްތައް ބަދަލުކުރަން ޖެހޭނޭ. އެއަށްފަހުގައި އެ ބަދަލުތައް ނުގެންނަ ކަމަށް ވަންޏާ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮރަޕްޝަންގެ ކަންކަމުގައި ވަކި ކުންފުންޏެއް ތަފާތު ނުކުރާނެ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލުމަށްފަހު ކޮންމެ ކުންފުންޏަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައްތައް ރަނގަޅު ކުރުމަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ.