ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއާ މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް މަލީހު ބޭނުންވެ ވަޑައިގެންނެވީ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިގެން މަލީހުއާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"މަލީހު ބޭނުންފުޅުވީ މަޖިލީހަށް ވަޑައިގެން ދިފާއު ކުރަން. އަޅުގަނޑު އެހިން މަލީހު ބޭނުންފުޅުވަނީ ކިހިނެއްތޯ؟ މިހާރު އެވަނީ ހުށަހެޅިފަ. ވިދާޅުވީ ތިމަންނަ ބޭނުންވަނީ މަޖިލީހަށް ހާޒިރުވެ ތިމަންނަގެ ދިފާއުގައި ވާހަކަދައްކަވާ، އެކަން ސާފުކޮށްދޭން ކުރި ކުށެއް. ތިމަންނަ ވަޒީރު ކަމުން ވަކި ކުރަންޖެހޭ ވަރުކަމެއް ކޮށްފަ ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވަޒީރަކު އިތުބާރު ގެއްލިއްޖެ ކަމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފެއިލްވެއްޖެ ކަމަށް ގަބޫލު ކުރެވިއްޖެނަމަ އެ ވަޒީރަކު ވަކި ކުރާނެ ކަމަށެވެ. މިއީ އަމިއްލަ މަސައްކަތެއް ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ކުރާ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވަޒީރަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި އެއީ ޒާތީ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ވަޒީރެއްގެ އިތުބާރު ގެއްލިއްޖެނަމަ އެކަން އެންގެވުމަށް އެދޭ ކަމަށާއި އަދި އޮންނަ ނިޒާމުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމަކި އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު