މަޝްރޫއުތަކުގެ ތަރުތީބު ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ތަރުތީބު ކޮށްފައިވާނީ ރިކަވަރީ ޕްލޭނާ އެއްގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑު ޖައްސާލަން ޖެހުނު ކަމަށާއި ނަމަވެސް ބަދަލުތަކާއެކު ވެސް މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ކޮވިޑާ ގުޅިގެން އަޅުގަނޑުމެންގެ މަޝްރޫއުތަކުގެ ތަރުތީބަށް ބަދަލުތަކެއް ގެންނަން ޖެހުނު. އެ ތަރުތީބަށް ބަދަލު ގެނަޔަސް އަޅުގަނޑުމެންގެ ރިކަވަރީ ޕްލޭނާއި އެއްގޮތަށް މިހާރު މިގެންދަނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ރިކަވަރީ ޕެކޭޖެއް އިއުލާންކޮށްފަ އެވެ. އެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމެވެ.