މާލޭގެ ރެސްޓޯރެންޓަކުން ވައްކަން ކުރުމަށްފަހު މޭޒުމަތި ސެނިޓައިޒްކޮށް ވަގުކަލޭގެ ފިލައިފި އެވެ.
ސީސީޓީވީ ފްޓޭޖެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމު ކޮށް ޓުވީޓުކުރި މީހާ ބުނީ، އެތަނަށް ވަގުކަލޭގެ ވަދެފައިވަނީ ފަތިހު 4:25 ގައި ކަމަށެވެ.
މާސްކު އަޅައިގެން ހުރި އެ މީހާ އެތަނުން ވަގަށް ނަގާފައިވަނީ ރެސްޓޯރެންޓްގެ ޕެޓީ ކޭޝް އެކަނި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެހެން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާއިރު، އޭނާ ދިއުމުގެ ކުރިން އެ ތަނުގައި ހުރި ސެނިޓައިޒާ ފުޅިން މޭޒު މަތި ސާފުކޮށްލަ އެވެ.
ބެލެވޭ ގޮތުގައި ވަގުކަލޭގެ އެތަން ސެނިޓައިޒް ކޮށްފައި އެ ވަނީ އޭނާގެ ފިންގަރ ޕްރިންޓް ނުވަތަ ހެކި ނައްތާލުމުގެ ބޭނުމުގަ އެވެ.
ވައްކަމާއި ފޭރުމުގެ އެތައް ވީޑިއޯއެއް މީހުން ހިއްސާ ކުރާއިރު މި ވީޑިއޯ ތަފާތު ވެގެން ދަނީ ވަގުކަލޭގެ އަމަލުތައް ހުރި ގޮތުން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އެއީ ތަނުގައި ހުރި ބޭނުން ކުރެވޭ އެހެން އެއްޗެހި ގެންގޮސްފައި ނުވުމާއި އޭނާގެ ފަރާތުން އެ ތަން ސެނިޓައިޒް ކުރުމުންނެވެ.
ޚަބަރު
ޚަބަރު