ގިނަ ފަހަރަށް ތައުރީފުގެ ބަހެއް ތިމާއަށް ލިބުމުން އެފަރާތަކަށް ޝުކުރުވެރިކަމުގެ ބަހެއް ނުބުނެވެއެވެ. ޝުކުރުވެރި ހިތަކާއެކު ހިނިތުންވެލައި ރައްދުކޮށްދެވޭ ސާދާ ޝުކުރިއްޔާއިން ދެފަރާތަށްވެސް އުފާވެރިކަން ގެނުވައެވެ. ތައުރީފުގެ ބަހެއް ލިބޭ ކޮންމެ ފަހަރަކުވެސް އެ ކަން ބަލައިގެންފި ކަން، އެކަމާ އުފާވި ކަން އަންގައިދިނުމަކީ މުހިންމު ކަމެކެވެ. އެއިރުން އެ ތައުރީފު ކުރި މީހާވެސް އުފާ ވާނެ އެވެ. މި ކަމާ ގުޅުން ހުރި ބައެއް މިސާލުތަކަށް ބަލައިލާނަމެވެ.

މިސާލު:1:

ތައުރީފު: ''ތިއީ ހާދަ ރީތި ހެދުމެކެވެ.''

ޖަވާބުގައި، ''މިހެދުން ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެ!''

ބަދަލުގައި، ''މިހެދުން ތިބާއަށް ކަމުދިޔައީތީ ޝުކުރިއްޔާ!'' ބުނުން ރަނގަޅެވެ.

މިސާލު 2:

ތައުރީފު: ''މިއަދު ޕްރެޒެންޓޭޝަން ހުށަހަޅައިލި ގޮތް ވަރަށް ފުރިހަމަ!''

ޖަވާބުގައި، ''އަހަރެން އަސްލު ހުރީ ވަރަށް ހާސްވެފަ! ރަނގަޅަށް ދިޔަކަން އެއީ ހަމަ ނަސީބެއް!''

އޭގެ ބަދަލުގައި، ''ޝުކުރިއްޔާ! އަހަރެން ވަރަށް އުފާ ވެއްޖެ ބަރާބަރަށް ހުރިހާކަމެއް ދިޔައިމަ!'' މިހެން ބުނުން ރަނގަޅެވެ.

ފުރިހަމައަށް ޝުކުރު އަދާކުރުމުން، ތިމާއަށްވެސް ބާރުވެރިކަމެއް ލިއްބައިދެއެވެ. "ޝުކުރިއްޔާ" ބުނެލުމުން، ތިބާއަށް ލިބުނު ތައުރީފު ފުރިހަމައަށް ގަބޫލު ކުރެވެއެވެ.

ތައުރީފު ލިބުމަކީ އުފާކުރުވާ ކަމެކެވެ. ގިނަ ފަހަރަށް އެ ތައުރީފު ޝުކުރުވެރިކަމާއިއެކު ބަލައި ނުގަނެވެނީއެވެ. ޝުކުރު އަދާކުރާށެވެ، އަދި އެވަގުތުގެ އުފާވެރިކަން ދަމަހައްޓާށެވެ.

އެއްވެސް މީހަކު ގަޑިޖެހިގެން ތަނަކަށް ދާން ބޭނުމެއް ނުވާނެއެވެ. އަދި އަނެކާ ތިބާގެ އިންތިޒާރުގައި ބެހެއްޓުމަކީ އެއްގޮތަކަށްވެސް ބޭނުންވާނެ ކަމެއް ނޫނެވެ. މި ހާލަތުގައި ގިނަ މީހުން ބައްދަލުވާ ވަގުތު އެންމެ ފުރަތަމަވެސް ބުނެވޭނީ، އިންތިޒާރުގައި މަޑުކުރަން ޖެހުމުން މާފު ކުރުމަށެވެ. މިތަނުގައި އަދިވެސް މި އިސްކުރެވެނީ އަމިއްލަ މީހާއެވެ. ''އަހަރެން މައާފަށް އެދެމެވެ!" ނަމަވެސް މަޑުކޮށްދިނީތީ "ޝުކުރިއްޔާ" ބުނެލުމުން، އަނެއް މީހާ އިންތިޒާރުކުރަން ޖެހުނު ވަގުތުގެ އަގު ވަޒަން ކުރެވެއެވެ.

މިސާލު1:

"ވަރަށް ބޮޑަށް ސޮރީ! ޓްރެފިކް ބާރުބޮޑުކަމުން ލަސްވީ!"

ބަދަލުގައި، "ލަސްވީތީ މާފަށް އެދެން. އިންތިޒާރު ކުރީތީ ޝުކުރިއްޔާ!" ބުނެލާށެވެ.

ކުށެއް ކުރެވިއްޖެނަމަ، އޭގެ އަގު އަނެއް މީހާ އަދާކުރަން ޖެހެއެވެ. އެހެންކަމުން ބުއްދިއަށް ވިސްނެނީ އެންމެ ފުރަތަމަވެސް މައާފަށް އެދުމަށެވެ. ނަމަވެސް އެންމެ ބުއްދިވެރިގޮތަކީ ތިބާއަށް ގޯހެއް ހެދުމުން އޭނާގެ ކެތްތެރިކަމަށް ޝުކުރު ރައްދުކުރުމެވެ. ތިބާއަށް ކުށެއް ކުރެވުނު ނަމަވެސް، އޭނާ ކެތްތެރިވިކަމަށް ޓަކައި ޝުކުރުވެރިވާށެވެ.

މީހަކު އޭނާއަށް ދިމާވި ބޮޑުކަމެއްގެ ހަބަރަކައިގެން ތިބާ ގާތަށް އަންނަ ވަރަށް ގިނަ ފަހަރު ބުނާނެ އެއްޗެއް ނޭނގި ދެއެވެ. ތިބާ ބޭނުންވަނީ ރަނގަޅު މިތުރަކަށް ވާށެވެ. ނަމަވެސް ބުނާނެ ބަސްތަކެއް ދުލަކަށް ނާދެއެވެ. ބައެއް ފަހަރު ހިތްވަރު ދިނުމުގެ ގޮތުން "އެޓްލީސްޓް ޔޫ ޓްރައިޑް" (ތިބާ އެކަމަކު މަސައްކަތް ކޮށްފިންތާއޭ!) ބުނެވެއެވެ.

މިހާލަތުގައި ބުނާނެ އެއްޗެއް ނޭނގުމަކީ މައްސަލައެއް ނޫނެވެ. މުހިއްމީ އެވަގުތު އޭނާ ކައިރީގައި ހުރެދިނުމެވެ. އަދި ތިބާއަށް އިތުބާރުކުރި ކަމަށް ޓަކައި ޝުކުރުވެރިވާށެވެ.

މިސާލު: އެކުގައި މަސައްކަތްކުރާ މީހެއްގެ މަންމަ ނިޔާވި ހަބަރު ހިއްސާކުރުމުން،

"ކޮންމެ ގޮތެއްވިޔަސް، މަންމަގެ ލޯބި ހަނދާންތައް ރައްކާކުރެވިފައި އެބަހުރި ނޫންތޯއެވެ!"

ބުނުމުގެ ބަދަލުގައި، "ތި ހަބަރު އަހަންނާ ހިއްސާކުރީތީ ޝުކުރިއްޔާ! މިއީ ދަތި ހާލަތެއްކަން އަހަންނަށް އިނގޭ! ތި ހަބަރުން އަހަރެންނަށް ވެސް ފުން ހިތާމައެއް ލިބިއްޖެ" މިހެން ބުނެވިދާނެ އެވެ.

ބިނާކުރުވަނިވި ފާޑުކިޔުން ލިބުމަކީ، ކަމެއް ރަނގަޅުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް އެގޮތަށް ބަލައެއް ނުގަނެވެއެވެ. ގިނަފަހަރަށް އެއަށް ރައްދު ދެވެނީ، އެކަމެއް ދިފާއުކުރުމަށެވެ. ރަނގަޅުގޮތަކީ، ތިބާ ކަންކަން ރަނގަޅުކުރަން ލިބުނު ފުރުސަތަށް "ޝުކުރިއްޔާ! ބުނެލުމެވެ.

ހަމަ އެހެންމެ މީހަކު ރުޅިއައިސްގެން ބުނާ އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި، ބުނެލާ ޝުކުރިއްޔާއަކުން އޭނާގެ އަނގަ ގިނަފަހަރަށް ބަންދުވެ، ބުނާނެ އެއްޗެއް ނޭނގިދެއެވެ.

މިސާލު: "ތިއީ ބޮޑު މޮޔައެއް!" ޖަވާބުގައި "ޝުކުރިއްޔާ! އަހަރެން އަދިވެސް ދަސްކުރަން ޖެހޭ ބައިވަރުކަންކަން އެބަހުރި!"

ޝުކުރުވެރި ވުމާއި ޝުކުރިއްޔާ ބުނާން ޖެހޭ ހާލަތުގައި ޝުކުރިއްޔާ ބުނުމަކީ ކޮންމެހެން ބޭނުންތެރި އަދި ތިބާއާއި އެހެން މީހުންގެ ހިތްހަމަޖެހުމާއި އުފާވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އަހަރެމެންގެ ތެރެއިން ނެތެމުން އަންނަ މުހިންމު ރިވެތި އާދައެކެވެ. އެހެން ކަމުން މުނާސަބު ވަގުތުތަކުގައި ޝުކުރިއްޔާ ބުނެ ކަންކަން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ބަޔަކަށް އަހަރެމެން އެންމެވެސް ވަމާތޯ އެވެ. މި ވަގުތުން ފެށިގެން މިކަމަށް އާދަ ހިފުމަށް އަޒުމު ކަނޑައަޅަމާތޯ އެވެ. މިހާ ހިސާބުން ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ޝައުގުވެރިކަމާ އެކު މި ލިޔުން ކިޔުއްވީތީ އެވެ.