ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާ ސަބަބާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްްޓަވަމުން މަޖީލިހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުވެ ވަޑައިގަންނަވާ މިންވަރު މަދުކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މެމްބަރު އީސަ ވެސް މަޖިލީހަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އީސަ މަޖިލީހަށް ވަޑައިނުގަންނަވާ ސަބަބަބާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އީސަ މަޖިލިސް ޖަލްސާތަކަށް ވަޑައިނުގަންނަވާ ސަބަބެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ، ޖަލްސާ ފެއްޓެވުމަށް ހާޒިރުވެވަޑައިގެން ތިއްބެވީ 32 މެންބަރުން ކަމަށެވެ. އޭގެ އިތުރުން ސަލާމުގައި ހަ މެންބަރަކު ތިއްބެވި އިރު، ކަރަންޓީނުގައި ތިން މެންބަރަކު ތިއްބެވި ކަމަށް ވިދާޅުވި އެވެ. އަދި ބައެއް އިއްޒަތެރި މެންބަރުން ސަލާން ވެސް ނުފޮނުއްވާ ކަމަށާއި ކަރަންޓީނުގެ ހާލަތުގައި ނޫނަސް މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަ މެންބަރުން ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ.
މެންބަރުން މަޖިލިސް ޖަލްސާއަށް ވަޑައނުގަންްނަވާތީ މަޖިލިސް ރައީސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވައި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަސް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލިސް ގަވާއިދަށް ގެންނަ އިސްލާހެއްގެ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.
އެ އިސްލާހުގައި ބުނެފައިވަނީ، މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވައި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަސް ކަމަށާއި އެއަށްވުރެ އިތުރުވާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނަސްފިނަމަ، މަޖިލިސް މެންބަރުންނަށް ސަލާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ އަހަރަކު 30 ދުވަހެވެ.
އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަން ޖެހިވަޑައިގެންނެވުން ނޫނީ އެކްސިޑެންޓެއްގެ ސަބަބުން އަނިޔާވުމަކީ މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމް ބުނުމަށް އޮތް އިސްތިސްނާ ހާލަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު