ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ކުއްލި ގޮތަކަށް މީހަކު މަރުވުމުން އެކަމުގެ ސަބަބުން ހޯދަން ފަށައިފި އެވެ.

އއ. މާޅޮހު ހެލްތު ސެންޓަރުން އިއްޔެގެ ވަގުތެއްގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު މަހަށް ނިކުމެ އުޅެނިކޮށް މަރުވީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެކްސިން ޖެހުމަށްފަހު ގަދަޔަށް ގައިގައި ރިއްސާތީ އާއި ބޮލުގައި ރިއްސާތީ އުޅުނު ކަމަށް އެރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.

މަހަށް ނިކުމެ އުޅެނިކޮށް އެ މީހާގެ ހާލު ދެރަވުމާ ގުޅިގެން އެ ދޯނި އޮތް ސަރަހައްދާއި އެންމެ ކައިރީގައި އޮތީ ކ. ހިންމަފުށި ކަމަށްވާތީ އެ ރަށު ސިއްހީ މަރުކަޒަށް އެމީހާ ވަނީ ގެންގޮސްފަ އެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެމީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވަން އަށް ވަނީ އެނގިފަ އެވެ.

ނެޝަނަލް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނީ މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ފަރުވާ ދިނުމަށް ހިންމަފުށި ހެލްތު ސެންޓަރަށް ގެންގޮސްފައި ވަނިކޮށް މިއަދު ހެނދުނު 9:13 ގައި މަރުވެފައިވާ ކަމަށެވެ. މި މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފަ އެވެ.

އެންއީއޯސީން ބުނީ މި މީހާ އަކީ އިއްޔެ މާޅޮސް ސިއްހީ މަރުކަޒުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހެއް ކަމަށާއި މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.