މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކޮމަންވެލްތުގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކޮމަންވެލްތު ދުވަހަކީ ދުނިޔޭގެ ހަ ބައްރުގެ މައްޗަށް ހިމެނޭ 54 ގައުމެއްގެ ބަދަހި ގުޅުމާއި އެއް އާއިލާއެއްގެ ގޮތުގައި ހިއްސާކުރާ ކަންކަން ފާހަގަކުރާ ދުވަހެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ ކޮމަންވެލްތުގެ ޝިއާރާ އެއްގޮތަށް، ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ގުޅިގެން އެއް އަމާޒަކަށް ވާސިލުވުމަށް ކޮމަންވެލްތުގެ 2.4 ބިލިއަން މީހުންނާއެކު އީޖާދީ ގޮތެއްގައި އާ ބަދަލުތަކާއެކު ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ، ކޮމަންވެލްތާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ރާއްޖެއަށް ހާސިލު ކުރެވިފައިވާ ކަމަށެވެ. އަދި ކޮމަންވެލްތަކީ އެ އާއިލާގައި ހިމެނޭ ކުޑަބޮޑު ހުރިހާ ގައުމަކަށް ވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ޖަމާއަތެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކޮމަންވެލްތު އާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑުގެ ވެކްސިން ގައުމުތަކަށް ލިބިދިނުމަށް ކޮމަންވެލްތުން އަދާކުރާ މުހިންމު ދައުރަށް ޝުކުރު އަދާކޮށްފަ އެވެ.