ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

މިހާރު އޮންނަ ގޮތުން ސްކޫލުތައް ބަންދުކޮށް ދަރިވަރުން ބޮޑު ޗުއްޓީއަށް ދިއުމަށްފަހު އަލުން ސްކޫލުތައް ހުޅުވެނީ ޖަނަވަރީ ފުރަތަމަ ހަފުތާގައި ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައެވެ.

ދިރާސާ އާ އަހަރުގެ ކިޔެވުން އޮގަސްޓު މަހު ފެށުމަށް ނިންމާފައިވާކަން އާންމު ކޮށްފައިވަނީ މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ދަރިވަރުންނަށް ލިބިގެންދާނެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށާއި ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށަނީ އޮގަސްޓަ މަހުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ކިޔަވައިދިނުން އެއީ މިސަރުކާރުން ވަރަށް ބޮޑަށް އަޅުގަނޑުމެން ފޯކަސް ކުރާ ކެމެއް. އެހެންވީމަ އެކި އިންޑަސްޓްރީގެ ދަރިވަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތުވެސް މީގެން ފަހިވެގެން ދޭ،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ދިރާސާ އާ އަހަރު ފަށާ ދުވަސް ބަދަލު ކުރުމާ ގުޅިގެން، އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާން ވެސް ދެން އޮންނާނީ މޭ/ޖޫން ގައި ކަމަށް އެޑުއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމުގެ ސަބަބުން ވެސް ދަރިވަރިންނަށް ކުރާނީ ފައިދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ކުރިން އޮންނަ ގޮތުން ނަމަ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް އިމްތިހާން ބޭއްވުމުން ދަރިވަރުން އިތުރު ހަ މަސް ދުވަހު މަޑު ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލާ އެކު އެ ދެ އިމްތިހާން ނިންމުމަށްފަހު ދަރިވަރުން މަޑުކުރަން ޖެހޭނީ ދެ މަހެއްހާ ދުވަހު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.