ދުނިޔެ

ރަޖިސްޓަރީ ނުކުރާ ފްލައިޓުތަކެއްގައި ޗައިނާއިން މިޔަންމާއަށް ގޮތް ނޭނގޭ އެއްޗެހިތަކެއް އެތެރެކުރޭ: ރިޕޯޓު

މިޔަންމާގެ އަސްކަރިއްޔާ އިން ބައިނަލްއަގުވާމީ ފްލައިޓުތައް އެގައުމަށް އުދުހުން މަނާކޮށްފައި އޮތް ނަމަވެސް ރަޖިސްޓަރީ ނުކުރާ ފްލައިޓުތަކެއްގައި ޗައިނާ އިން މިޔަންމާއަށް ގޮތް ނޭނގޭ އެއްޗެހިތަކެއް އެތެރެކުރަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ތިންކު ޓޭންކަކުން ބުނެފި އެވެ.

އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި) އިން ނެރުނު ރިޕޯޓެއްގައި ސިވިލް މިލިޓަރީ ތަޖުރިބާކާރެއް ކަމަށްވާ ސުސާން ހަޗިންސަން ވިދާޅުވީ, ހަފުތާއެއް ވަންދެން ޗައިނާއިން މިޔަންމާއަށް ރަޖިސްޓަރީ ނުކުރާ ފްލައިޓުތަކެއް ޖައްސާފައިވާ ކަމަށެވެ. އަދި އެ ފްލައިޓުތައް ޖައްސަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު ކަމަށް ވެސް ވިދާޅުވި އެވެ.

"މިޔަންމާގެ ހާލަތަށް ބަލައި އެ ފްލައިޓުތަކުން އެގައުމަށް އުފުލާ ކަމަށް ބެލެވެނީ ދެ އެއްޗެއް. އެއީ މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި މައުލޫމާތު ލިބިގަތުމާއި އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އެހީވެ ދިނުމަށް ސައިބާ ސްޕެޝަލިސްޓުންނާއި ޗައިނާގެ ސިފައިން. އަނެއް ކަމަކީ މިޔަންމާގެ އަސްކަރިއްޔާގެ ބަޑިގުދަނަށް ބޭނުންވާ އެއްޗެހި އިތުރުކުރަން ގެންނަ ހަތިޔާރު," ހަޗިންސަން ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, މިޔަންމާއަށް ޖައްސާ ފްލައިޓުތައް އަންނަނީ ޗައިނާގެ ޓްރާންސްޕޮޓޭޝަން ހަބު ކަމަށްވާ ކަންމިންގް އިންނެވެ. އަދި ކޮންމެ ރެއަކު ގާތްގަނޑަކަށް ފަސް ފްލައިޓު މިޔަންމާގެ ޔަންގޮންއަށް ޖައްސާއިރު، ބައެއް ފްލައިޓުތަކުގައި މިޔަންމާ އެއާވޭސްގެ ކުލަތައް ލާފައި ހުންނަ ކަމަށް ބުންޏެވެ.

ރިޕޯޓުގައި އިތުރަށް ބުނީ, އެ ފްލައިޓުތަކުގެ މައުލޫމާތު ސިއްރު ކުރުމަށް ފްލައިޓުތަކުގެ ޓްރާންސްޕޮންޑާސްތައް ނިއްވާލުން ފަދަ ގިނަ ކަންކަން ކުރި ނަމަވެސް, އިންޖީނުތަކުގެ ސެޓަލައިޓުން ފޮނުވާ މައުލޫމާތާއި މިޔަންމާ އެއާޕޯޓުގައި މަސައްކަތްކުރާ އޮފިޝަލުންނާއި މިޔަންމާ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން އެ ފްލައިޓުތަކުގެ ފޮޓޯތަކާއި މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށެވެ