ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި މީޑިއާނެޓްގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާފައިވާ 7.7 މިލިޔަން ރުފިޔާ އަނބުރާ މީޑިއާނެޓަށް ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، މީރާގެ ފަރާތުން މީޑިއާނެޓްގެ ޓެކްސް އޮޑިޓެއް ކޮށް، ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 7.8 މިލިޔަން ރުފިޔާ މީޑިއާނެޓުން ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ދައްކަން މީޑިއާ ނެޓަށް އަންގާފައިވާ މައްސަލައެކެވެ.

ނަމަވެސް މީޑިއާނެޓުން އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ ދައްކަން ޖެހޭކަމަށް މީރާއިން ކަނޑައަޅާފައިވާ 7.8 މިލިއަން ރުފިޔާގެ ތެރެއިން 7.7 މިލިޔަން ރުފިޔާއަކީ މީޑިއާނެޓުން ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއަކަށް ނުވުމެވެ.

ނަމަވެސް މީރާގެ އެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ބުނެ، މީޑިއާނެޓުން އެ މައްސަލަ ޓެކްސް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރިއެވެ.

މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައިވަނީ، މީރާއިން މީޑިއާނެޓަށް އަންގާފައިވާ އެންގުމަކީ، ބީޕީޓީ ގާނޫނާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށާއި، މީރާގެ އިތުރުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްވެސް، އެނިންމުން ރަނގަޅު ނޫންކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލް މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާތީ، ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި މީޑިއާނެޓްގެ ފަރާތުން މީރާއަށް ދައްކާފައިވާ 7.7 މިލިޔަން ރުފިޔާއަކީ މީރާއިން އަނބުރާ މީޑިއާނެޓަށް ރައްދު ކުރަން ޖެހޭ ފައިސާއެއް ކަމަށެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން މީރާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުން، ޓެކްސްއެޕީލް ޓްރައިބިއުނަލްގެ ނިންމުން ވަނީ ބާތިލު ކޮށްފައެވެ.

އެކަމާ ގުޅިގެން ސުޕްރީމްކޯޓުން ނިންމާފައި ވަނީ ހައިކޯޓުން ނިންމާފައިވާ ހުކުމަކީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލު ކުރުމާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

މީޑިއާނެޓްގެ ފަރާތުން ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކޮށްފައިވާ ހުކުމަކީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލު ކުރުމާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދު ކުރާ ކަމަށް ވަނީ މިއަދު ހުކުމް ކޮށްފައެވެ.