ބްރޮޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާ ކަޓުވާލުމަށްފަހު ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އެ މަގާމަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ބްރޯޑްކޮމް އަށް ފަޒީން އައްޔަންކުރަން ފާސްކުރީ 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ. އިދިކޮޅުގެ ބައެއް މެންބަރުން ވެސް ފަޒީންއަށް ވޯޓު ދެއްވި އެވެ. 15 މެންބަރަކު ވަކިގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ. އޭގެ ތެރޭގައި ވެސް އެމްޑީޕީއާ އިދިކޮޅުގެ މެންބަރުން ތިއްބެވެ. ފުރަތަމަ ވޯޓަށް އެހި ނަން ފާސްވުމުން ދެވަނައަށް އޮތް ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަނު ކުރުމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ފާޑުކިޔުން އައިސްފައި ވަނީވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ނުފޫޒު ގަދަ މެންބަރެއްގެ ފަރާތުންނެވެ. އެއީ ވޯޓަށް އެހުމަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރި މިނިވަން މުއައްސަސާ ކޮމެޓީން ނިންމި ގޮތާއި ހިލާފަށް ވޯޓަށް އަހާނެ ކަމަށެވެ.

އަނދުން ހުސައިން އެގޮތަށް ވިދާޅުވެފައިވަނީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ފަރާތުން އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި އިރު ފުރަތަމައަށް، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި ފަޒީންގެ ނަން އޮތުމުންނެވެ. އަދި އެއީ ކޮމިޓީގެ ނިންމުމުގެ ބަދަލުގައި ރައީސް އިސްކަން ދީފައި އޮތް ތަރުތީބު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ. އެގޮތަށް އިސްކަން ދީގެން ވޯޓަށް އަހައި ފާސްކުރި އެވެ.

އެއާ އެކު އެއް ބަޔަކު ފަޒީނަށް މަރުހަބާ ކިއެވެ. އަނެއް ބަޔެކު ފާޑުކިޔެވެ.

ފަޒީން އެ މަގާމަށް އައްޔަނު ކުރުމަށް ފާސްކުރުމުން ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް ފާތިމަތު ޒޭނާ ވިދާޅުވީ، ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

ފަޒީންއަށް ކިޔަމުން އަންނަ ފާޑުކިޔުންތަކަށް އޭނާ ވަނީ ރައްދު ދެއްވާފަ އެވެ.