މިމަހު 13 ގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިމަހު 13 ގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މާޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް/ދިގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (26އ) (ޕެސްޓް) ހިމެނެއެވެ.

ދެން ހިމެނެނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.