ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ވާދަވެރި ސެވިއްޔާގެ މައްޗަށް ކުރިހޯދައިފިއެވެ.
ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދެވަނަ ގޯލް ޖަހައިދީފައެވެ. މެޗުން މޮޅުވެ ބާސާއިން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓް ގާތަށް ޖެހިލާފައި ވަނީ 25 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން އެތުލެޓިކޯއަށް އަދިވެސް ލީޑު ފުޅާ ކުރުމަށް ދެ މެޗުގެ ފުރުސަތެއް އެބައޮތެވެ.
މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދައްކައި ފުރުސަތުތައް ފަހިކޮށްފައިވާއިރު، މެސީގެ ބޯޅައަކުން ފުރަތަމަ ގޯލް ޖެހީ އުސްމާން ޑެމްބޭލޭއެވެ. އޭގެ އިރުކޮޅެއްފަހުން އެމެރިކާގެ ޑިފެންޑަރު ސާޖީނޯ ޑެސްޓް ޖެހި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ދެވަނަ ހާފްގައި މެސީ ޖެހި ގޯލާއެކު ބާސާއިން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.
ދެވަނަ ހާފްގެ ފަހު ކޮޅުގައި މެސީގެ ހަމަލާއެއް ސެވިއްޔާ ގޯލްކީޕަރު ބޯނޯ މަތަކުރި ނަމަވެސް، އެ ބޯޅަ ރީބައުންސްގައި ފަހިވީ މެސީއަށް މުޅިން ހުސްކޮށެވެ. ގޯލްކީޕަރުގެ ހުރަހެއްވެސް ނެތި މެސީ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ. މެސީގެ އެ ގޯލަކީ ސެވިއްޔާ ކޮޅަށް އޭނާ ޖެހި 38 ވަނަ ގޯލެވެ.
އެންމެފަހުން ލަލީގާގައި ކުޅުނު އަށް މެޗުގައިވެސް މެސީ ގޯލް ޖަހާފައިވާއިރު، މިހާތަނަށް ލީގުގައި 12 ގޯލް ހަމަކޮށްފައިވެއެވެ. އެއީ މިދިޔަ ދެ އަހަރު ތެރޭގައި މެސީގެ ފަރާތުން ފެނިގެން އަންނަ އެންމެ ރަނގަޅު ރެކޯޑެވެ.
ބާސާއިން ދެންވެސް ކުޅެން ޖެހެނީ ސެވިއްޔާއާ ދެކޮޅަށެވެ. ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ބުދަ ދުވަހު ބާސާއިން ސެވިއްޔާއާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ ލެގު ސެވިއްޔާއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު