ދުނިޔެ

ނައިޖީރިއާގެ ސްކޫލަކުން 300 އަށްވުރެ ގިނަ އަންހެން ކުދީން ކިޑްނެޕްކޮށްފި

މުހައްމަދު އައުޒަމް

ނައިޖީރިއާގެ ސްކޫލަކުން 300 އަށްވުރެ ގިނަ އަންހެން ކުދީން ކިޑްނެޕްކޮށްފިއެވެ.

ނައިޖީރިއާގެ ޒަމްފަރާ ސްޓޭޓްގައި ހުންނަ ބޯޑިން ސްކޫލަކަށް ހަތިޔާރާއެކު ވަދެ ކިޑްނެޕްކޮށް އެކުދިން ގެންގޮސްފައިވަނީ ސްކޫލާ މާދުރު ނޫން ހިސާބެއްގައި އޮންނަ ފަރުބަދަޔަކަށް ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ނައިޖީރިއާގައި ސްކޫލް ކުދިން ކިޑްނެޕްކުރުމަކީ އެގައުމުގެ ހަތިޔާރު އެޅި ގޭންގުތަކުން ވަރަށް ގިނައިން ކުރާ ކަމެކެވެ. ކިޑްނެޕް ކުރުމަށްފަހު ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދަން އެ ގޭންގުތަކުން ހުށަހަޅައެވެ.

އެގައުމުގެ ރައީސް މުހައްމަދު ބުހާރީ ވަނީ ސްކޫލް ދަރިވަރުންތަކެއް ކިޑްނެޕްކުރުން ކުށްވެރިކުރައްވައި އިންސާނިއްޔަތާ ހިލާފު އެއަމަލު ބަލައިނުގަންނާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ބުހާރީ ވަނީ ސަރުކާރުން އެންމެ ފުރަތަަމަ އިސްކަމެއްދޭނީ ހައްޔަރުކޮށްފައި ތިބި ކުދިން ސަލާމަތްކުރުމަށް ކަމަށާއި ގޭންގުތަކާ ދެކޮޅަށް ސަލާމަތީ ބާރުތައް ބޭނުންކުރައްވައި ވަރުގަދަ ހަމަލާއެއް ދޭނެކަމަށް ވިދާޅުވެފައެވެ.

2014 ވަނަ އަހަރުވެސް ނައިޖީރިއާގައި ހަރަކާތްތެރިވާ ހަރުކަށި ބޯކޯ ހަރާމުން 276 އަންހެންކުދިން ކިޑްނެޕް ކޮށްފައިވެއެވެ.