ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.

ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޖެހެނީ ރެޑްކްރެސެންޓުގައެވެ. ރެޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 16 ގައެވެ.

ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހުން މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ފަށައިފައެވެ. އެކަމާ ގުޅިގެން ރެޑްކްރެސެންޓުން ބުނީ ލިޔެކިޔުން ނެތް ބިދޭސީންނަށް މިއަދު ވެކްސިންދޭން ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ އެއްވެސް މީހަކު ބާކީ ނުކޮށް ވެކްސިން ދިނުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި ބައިވެރިވެވުމަކީ ލިބޭ އުފަލެއް ކަމަށާއި ހާއްސަކޮށް ބިދޭސީންނަށް ވެކްސިން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ވޯކް ޕާމިޓް ލިބިފައިވާ ބިދޭސީން "މައި ހެލްތު ޕޯޓަލް" މެދުވެރިކޮށް ވެކްސިން ޖަހަން ރަޖިސްޓާ ވެވޭނެއެވެ.

ރާއްޖޭގައި އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިހާރު ވެކްސިންދޭން ފަށާފައިވާ އިރު، 90،865 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. މިއަދުވެސް ވަނީ 5،755 މީހަކު ވެކްސިން ޖަހައިފިއެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އަދި އިންޑިއާ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ.