ތިން ފުޅި ބަނގުރަލާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭ 19:30 ހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ކަމަށެވެ.

އެ ދެމީހުން ހުއްޓުވީ ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށާއި އެމީހުން ހުއްޓުވުމުން އެމީހުން އަތުގައި އޮތް ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ފުޅި މަގުމައްޗަށް ވައްޓައި ތަޅާލައިފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.