ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ސްރީ ލަންކާއިން ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގައި ފްލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައި ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި
އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.
އަދި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގަތީ 18 އޭޕްރިލް 2019 ގަ އެވެ.
އިންޓަޕޯލުން އެ ނޯޓިސް ނެރުނީ އެ މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރަން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާކަން އިންޓަޕޯލް އިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަދި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އިންޓަޕޯލްއާ ގުޅިގެން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބިމެއް ހަވާލުކުރީ އެތަނުގައި 3000 ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފަ އެވެ.
ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް އަޅާފައި ނުވުމާއި ފައިސާ ވެސް ދީފައިނުވާތީ، 200 އަށްވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.
ސީ ލައިފްގެ މައްޗަށް ދައުވާކުރި މީހުންނަށް ބަދަލުދޭން އެއްބަސްވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް ސީ ލައިފުން ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ވަނަ އަހަރު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ 12 މިލިއަން ޑޮލަރުންނެވެ.
ނަމަވެސް އެ ފައިސާ ދައުލަތުން ނުދޭން ނިންމުމުން ކުރި ދައުވާގައި، މިއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިދިޔަ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު