އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ކުޑަކުދިންގެ ޕާކުތައް ހަދަން އޮތް ރަށްރަށުގެ ލިސްޓުން އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަސް އުނި ކުރީ އެ ދެ ރަށަށް އާ ޕްރޮޖެކްޓުތަކެއް ފެށުމުން ވީހާ ވެސް ބޮޑަށް ހަމަހަމަ އުސޫލުން ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގުމަށް ގެންގުޅޭ އުސޫލުގެ ދަށުން ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާން މިނިސްޓަރާ ސުވާލު ކުރެއްވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ރަށްރަށަށް ހަދިޔާކުރި ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން އއ. ތޮއްޑޫ އާއި އއ. އުކުޅަހަށް މިއަހަރު ހަދިޔާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި ޕާކު ސެޓުތައް އެ ރަށްރަށަށް ލިބޭނީ ކޮންއިރަކުންތޯ އޮޅުން ފިލުއްވުމަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޕާކު ގާއިމްކުރާ ރަށްތަކުގެ ލިސްޓުގައި ތޮއްޑޫ އާއި އުކުޅަސް ކުރިން އޮތް ނަމަވެސް ފަހުން އެ ދެރަށް ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

އެ ދެރަށް ލިސްޓުން އުނި ކުރީ އާ މަޝްރޫއުތަކެއް އެ ރަށްރަށުގައި ފެށުމަށް ފަހުގައި ކަމަށާއި، ރަށްރަށުގައި ހަމަމަ އުސޫލުން މިނިސްޓްރީންގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ އުސޫލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އއ. ތޮއްޑޫގައި މިއަހަރު ފަށާ ބޮޑު ފުޓްބޯޅަ ދަނޑާއެކު ޔޫތު މިނިސްޓްރީން އެކަނިވެސް ތޮއްޑޫގައި 15 މިލިޔަން ރުިފޔާގެ މަޝްރޫއު ފަށާފައިވާކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.