އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ބިރުދެއްކުމާއި ފުރައްސާރަކޮށްފައިވާ ކަމަށާއި އެކަންކަމާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެންމެ ޒިންމާދާރުކޮށް މަސައްކަތް ކޮށްފައި ނުވާކަން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބުނެފިއެވެ.

އޭއޭއޭ އިން އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ މެދު ތަފާތުކުރުން ގެންގުޅެ، ދަތިކުރުމުގެ ކަންތައް ކުރަމުންދާ މައްސަލަ އާއި އެ ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ކަމާބެހޭ އިދާރާތައްވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެކަން ބެލުމަށްފަހު ކޮމިޓީން ނިންމި ރިޕޯޓުގައި ވަނީ އޭއޭއޭގެ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ނަފްސާނީގޮތުންނާއި މާލީގޮތުން ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ އެކެޑެމީގެ އިހުމާލުން ދަރިވަރުންނަށް ލިބުނު ގެއްލުމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި އެ އެކެޑެމީގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާތަކަށް އިޖާބަދީފައިނުވާ ކަމަށާއި ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ވެސް ތަބާވެފައިނުވާ ކަމަށެވެ.

"އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބިދޭސީ ދަރިވަރުންނާ ދެމެދު ތަފާތުކުރުން ގެންގުޅެފައިވާ ކަމަށާއި ދިވެހި ދަރިވަރުންނަށް ބިރުދެއްކުމާއި ފުރައްސާރަކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށާއި ތަކުރާރުކޮށް އިހާނެތިކޮށް ހިތައި ބޭއިންސާފުން އަމަލުކުރަމުން ގޮސްފައިވާކަމަށް ދަރިވަރުން ކޮމިޓީއަށް މައުލޫމާތު ދީފައިވާކަން. އަދި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންނާ މެދު އެންމެ ގޯސްކޮށް ކަންތައް ހިނގާފައިވާ ދުވަސްވަރު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެންމެ ޒިންމާދާރުކޮށް މަސައްކަތް ކޮށްފައި ނުވާކަން،" ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

ކޮމިޓީގެ ރިޕޯޓުގައި ވަނީ ގާނޫނާ ހިލާފަށް ޑޮލަރުން ފީ ދެއްކުމަށް ދަރިވަރުންނަށް މަޖުބޫރުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭއޭއޭއަށް ދަރިވަރުން ވައްދާއިރު އެ ދަރިވަރުންނާ ހިއްސާކުރާ މައުލޫމާތާއި ދަރިވަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެ އެކެޑެމީން ހިލާފުވަމުން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ކޯހަށް ވަންނައިރު ދަރިވަރުންގެ އަތުން ހަރަދުވާނެކަމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ދަރިވަރުންގެ އަތުން ފައިސާ ނަގަމުން ގޮސްފައިވާ ކަމަށާއި ކޯސް ފުރިހަމަކުރުމަށް ހޭދަވާނެކަމަށް ކަނޑައަޅާފައިވާ މުއްދަތަށް ދަރިވަރުންނަށް ކޯސް ނިންމޭގޮތަށް ޕްރޮގްރާމްތައް ރޭވިފައިނުވާ ކަމަށްވެސް ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

"އެއްބަސްވުމުގައި ކަނޑައެޅިގެން ޑޮލަރުން ދައްކަން ޖެހޭނެކަމަށް ބަޔާންކޮށްފައިނުވާ ހިނދު، އަދި ދިވެހި ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންގެންދާ ދަރިވަރުން ކިޔެވުމުގެ ފީތައް ދިވެހި ރުފިޔާއިން ބަލައިނުގަނެ، ޑޮލަރު ލިބޭނެ ގޮތެއްނެތުމުގެ ސަބަބުން ދަރިވަރުން ދައްކަންޖެހޭ ފީތައް ނުދެއްކި ކިޔެވުން ހުއްޓާލަންޖެހޭ،" ރިޕޯޓުގައިވެއެވެ.

ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން އޭއޭއޭއިން ފޯރުކޮށްދެމުންދިޔަ ހިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، ގަވާއިދުން އެ އެކެޑެމީ އިންސްޕެކްޓްކޮށް، އޮޑިޓްކުރަމުން ގެންގޮސްފައިވާ ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށާއި އެކަށީގެންވާ މިންވަރަށް އެފަރާތްތަކުގެ ޒިންމާ އަދާކޮށްފައިވާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެ އެކެޑެމީގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ގިނަ ހައްގުތަކެއް ގެއްލުމަށް މެދުވެރިވެފައިވާ މައިގަނޑު އެއް ސަބަބަކީ ކަމާގުޅޭ އިދާރާތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައިނުވުން ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

  • އޭއޭއޭގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާތީ، ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުން
  • ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭއޭއޭގެ ކިބައިން ސަރުކާރުން ހޯދައިދިނުން
  • އޭއޭއޭގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާ މެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އެފަރާތްތަކާ މެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުން
  • ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން
  • ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި ގައުމުގެ އިގުތިސޯދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއް. އެހެންކަމުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުން

ކޮމިޓީން ވަނީ މިކަންކަން ރިއާޔަތްކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.