ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާއާ ގުޅިގެންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ ދުވަހުގެ އަޑުއެހުމަކީ ޖިހާދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވާތީ، އެކަމާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުން ވަނީ ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށާއި އެ މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފިނަމަ ފިލާފާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދެ ފަރާތުން ދެކެވުނު ވާހަކަތަކަށް ބެއްލެވުމަށްފަހު، ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ނިންމެވިއެވެ.

އެ މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ހައިކޯޓުން ޖެނުއަރީ 13ގައި އިއްވި ހުކުމުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިދުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ހައިކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި އަމުރު ބާތިލުކޮށް، އެގޮތުން މަތިން ހުކުމް ކުރީ ކަމަށް ބުނެފައިވެ އެވެ.

ހައިކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، މީހަކު ރާއްޖެއިން ބޭރަށް ދިއުމަކީ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ހާލަތެއް ނޫން ކަމަށާއި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތް ގޮތުން ޕާސްޕޯޓު ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.

ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށްވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލުކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެއީ ޖިހާދު ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ދެއްކިފައި ނެތް ކަމަށާއި ހަމައެކަނި އޮތީ ޖިހާދު އަމިއްލައަށް ކޯޓަށް ހުށަހެޅުއްވި ޓިކެޓެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ޕާސްޕޯޓް ހިފަހައްޓަން އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަނި ކަމަށާއި އެއީ ޕީޖީއަށް އޮތް ބާރެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި މީހުން ފުރުން މަނާކުރަން ޕީޖީން ބޭނުންވާނަމަ، އެކަން ކުރަން ޖެހޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތައް މެދުވެރިކޮށް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުކުރީ ގާނޫނާ ހިލާފު އަމުރެއް ކަމަށެވެ. އަދި ހައި ކޯޓުގެ ހުކުމަށް ތާއީދުކުރާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑީޔާރުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.