ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ، ސިނަމާލެއާއި މާލޭހިޔާ ފްލެޓްތަކަކީ ވަރަށް ޒަމާންވެފައިވާ ތަންތަންކަމުން، އެއީ މިހާރު މަރާމާތުކޮށްގެން ގެންގުޅެވޭވަރުގެ ތަންތަނެއް ނޫން ކަމަށާއި އެތަންތަން ޖެހޭނީ ތަޅައިލަން ކަމަށް ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު، އެ ފްލެޓްތަކާ ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ އެތަންތަން ހެދީ ކައުންސިލް ހައުސިންގެ ގޮތުގައި ކަމަށެވެ.

ނަމަވެސް ފަހުން އެކަން ބަދަލުކޮށް އެތަނުގައި ހިމެނޭ ފްލެޓްތައް އެކި ފަރާތްތަކަށް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެތަން ތަޅައިލެވޭނީ، އެމީހުންނާ ވާހަކަދައްކައި ހެދޭ އެއްބަސްވުމެއްގެ ދަށުން އެތަނުން މީހުން ބަދަލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެގޮތަށް އެތަން ތަޅާލައި އަލުން އިމާރާތް ކުރެވޭނީ، އެތަނުން ފްލެޓް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އެކީތެރިކަމާއެކު އެމީހުން ކުރާ ކަމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.