ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ތުހުމަތަކާ ގުޅިގެން ހައުސިން މުހައްމަދު އަސްލަމްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ހޫނު ރައްދެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ސުވާލުކުރަން ކަނޑައަޅާފައި އޮތް ވަގުތުގައި، މެމްބަރު ނަޝީދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓު ހަދާ ސަރަހައްދުން ނެގި ރުއްތަކަށް ހެދީ ކިހިނެއްތޯ އާއި އެ ރުއްތައް ގެނަސް ވިއްކާލުމަށްފަހު، ޕައިލެޓެއް ލައްވައި ދުބާއީއަށް ފޮނުވަނީ އެ ފައިސާތޯ ސުވާލު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އިޒުނަ ހޯއްދެވުމަށްފަހު މެމްބަރު ނަޝީދު ކުރެއްވި ތުހުމަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ދައްކާ އެއްވެސް ވާހަކައެއްގެ ސަބަބުން އެއްވެސް މީހެއްގެ މައްޗަށް ގާނޫނީ އެއްވެސް ފިޔަވަޅެއް އެޅޭތަނެއް ނޫން ކަމަށެވެ. އެހެންކަމުން މީހުންނާ ގުޅޭ ގޮތުން އަދި ހާއްސަކޮށް އޭނާއާ ގުޅޭގޮތުން އިތުބާރު ނުހިފޭ ވާހަކައެއް ދައްކާނަމަ އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މެންބަރު ނަޝީދުގެ ވާހަކަތަަކަކީ އެއްވެސް ހަގީގަތެއް ނެތް އަމިއްލަ ހިޔާލަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓް އަޅާ ސަރަހައްދުގައި ހުރި ރުއްގަސް ނެގުމުގެ މަސައްކަތަކީ އަމިއްލަ ހަރަދުގައި އެތަކެތި އެތަނުން ނަގައިގެން ގެންގޮސް، ބިން ސާފުކުރާނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން އެކަމަށް ކުރިމަތިލި ބަޔަކު ލައްވާ ކުރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ކޮންޓްރެކްޓުގައި އެތަނުން ނަގާ ރުއްގަސްތަކަކީ ކޮންމެސް ތަނެއްގައި އިންދަންޖެހޭ ގޮތަށް ކަނޑަައަޅައި ނިމިފައި އޮތް ކޮންޓްރެކްޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ފަދަ ވާހަކައެއް ވެސް އިއްޒަތްތެރި މެންބަރާ ގުޅޭ ގޮތުން ވެސް އަޅުގަނޑަށް ދެއްކިދާނެ. އިއްޒަތްތެރި މެންބަރާ ބެހޭގޮތުން މާލެ ތެރޭގައި އިވޭ އަޑުތަކެއް އަޅުގަޑަކަށް މަދެއް ނޫން، ނަމަވެސް އެވާހަކަ ރައްިޔތުންގެ މަޖިލިހުގެ މި ފްލޯގައި އަޅުގަނޑު ދައްކާކަށް ނެތިން. އެހެންވީމާ އިއްޒަތްތެރި މެންބަރުން އަލުގަނޑުމެންނާ އެގޮތަށް ވާހަކަ ނުދައްކަވާތި. އަޅުގަޑުމެންނަކީ ވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާރީތިކޮށް މިހެން ޓައީ އަޅައިގެން ތިއްބެއް ކަމަކު ހުތުރުބަހުން ވެސް ވާހަކަދައްކަން އަޅުގަނޑު މެނަށް ވެސް އެނގޭނެ،" ކޯފާ އިސްކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.